ބޮޑު ސަރަހައްދަކަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

މިރޭ ފަތިހު 04:30 އިން ހެނދުނު 09:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ. ކަނޑުތައް  އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ