(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)
ޖެހިގެން އައި ދުވަހު އިރު އެރީއްސުރެ އަހަރެން ހުރީ ގަޑިއަށް ބަލާލަބަލާލައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ހިތް ހުރީ އަވަސްވެފައެވެ. ހިޒާމް ގުޅާނެ ކަމުގެ ޔަޤީންކަމެއްވެސް އޭރު ނެތެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ އޭނާ ދޮގު ނުހަދާނެކަމުގައެވެ. ހަވީރު ހަމަ ހަތަރެއް ޖެހުމާއެކު ފޯނު ހިފައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި އެނދުގައި ހަމަޖެހިލުމަށްފަހު ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އޮތީމެވެ. ނަމަވެސް ބައިގަޑިއިރު ވެގެންދިޔައިރުވެސް ހިޒާމްގެ އިޝާރާތެއް ނުވިއެވެ. އެހެންކަމުން އަހަރެން ކުޑަކޮށް މާޔޫސްވާގޮތްވިއެވެ.
އެހެންކަމުން އެކަމުން ވިސްނުން ދުރުކުރުމަށްޓަކައި ކައިރީގައި ފޯނު ބާއްވާފައި ވާހަކަފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ނަމަވެސް ފޮތަށް މާ ބޮޑު ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. އިރުކޮޅަކާ ފޯނުގެ ސްކްރީނަށް ބަލާލެވެއެވެ. އެގޮތުގައި ވަގުތުތައް ހޭދަކުރަމުން ދަނިކޮށް ފަހެއް ޖަހަން ދިހަ މިނެޓަށްވެފައި ހުއްޓާ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އަހަންނަށް ވީގޮތް ބުނެދޭންވެސް ނޭނގެއެވެ. ކުއްލިއަކަށް އަތުގައި އޮތް ފޮތް އެއްލާލެވުނެވެ. އަދި އަވަސް އަވަހަށް ފޯނާ ދިމާއަށް ނަޒަރު ހިންގާލެވުނެވެ. ފޯނަށް އަރާފައި އޮތް ނަންބަރު ފެނިފައި ބޭއިޚްތިޔާރުގައި އަހަންނަށް ހިނިތުންވެލެވުނެވެ. އެންމެފަހުން އިރުއެރީއްސުރެ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީއެވެ.
"ހަލޯ." ފޯނަށް ޖަވާބުދިން އިރު ހިތް ނެގިނެގިފައި ޖެހޭކަމުގެ އިޙުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.
"ހަލޯ. ވަރަށް ބޮޑަށް ސޮރީ! ވަރަށް ލަސްވެއްޖެ ދޯ. ކުޑަ ކަމެއްގަ ބިޒީވީމަ ވީގޮތެއް. ތިހާ ގިނައިރު އިންތިޒާރުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ." އެ ބަރު އަޑު އިވިފައި އަހަރެންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.
އަހަރެމެންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. އެދުވަހު ހިޒާމް ބުނި ގޮތުންނަމަ އޭނާގެ މަންމައާއި ބައްޕަ ދިރިއުޅެނީ އެމީހުންގެ އުފަން ރަށުގައެވެ. އަދި ރާއްޖެއާ ގްރީސްގެ ވަގުތުގައި ހުންނަ ތަފާތާއި، އެކޮޅުން ރާއްޖެއަށް ގުޅުމަކީ ވަރަށް ޚަރަދު ބޮޑުކަމެއް ކަމުގައި ބުންޏެވެ. އެހެންކަމުން އަހަރެން އޭނާއާ ވާހަކަ ދައްކަން ބޭނުންނަމަ މެސެޖު ކުރުމަށް އެދުނެވެ. އަދި އަބަދު ރައްދު ނުދެވުނުކަމުގައިވީނަމަވެސް ވީވަރަކުން މެސެޖުތަކަށް ރައްދުދޭނެ ވާހަކަ ބުންޏެވެ. އަހަރެން އެންމެ އުފާވީ، އެއް އަހަރު ފަހުން މާލެ އަންނާނެކަމަށާއި އެއަށްފަހު ދެމީހުން ބައްދަލުކުރަންވާނެކަމުގައި ހިޒާމް ބުނުމުންނެވެ. އެހުރިހާ ވާހަކަޔަކުން އަހަންނަށް މާނަކުރެވުނީ އަހަރެން ފަދައިން ހިޒާމްވެސް އަހަންނާ ވާހަކަ ދައްކަން ބޭނުންވާކަމެވެ. ހަމައެހެންމެ އަހަރެންގެ ހިތުގައި މި ހިނގާފަދަ އިޙުސާސްތަކެއް އޭނާގެ ހިތުގައިވެސް ހިނގާކަމެވެ.
އޭގެ ފަހުން ހަފްތާއަކު އެއް ފަހަރު ނޫނީ ދެފަހަރު ހިޒާމް ގުޅައެވެ. ނަމަވެސް ވާހަކަ ދެއްކެނީ ވަރަށް މަދު ވަގޮތުކޮޅަކުއެވެ. އެހެންނަމަވެސް އަހަރެން ވަރަށް ގިނައިން މެސެޖު ކުރަމެވެ. ހާލު ކިހިނެއްތޯ އޮޅުންފިލުވުމަށެވެ. އަދި ކީއްކުރަނީތޯ ބަލާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އެއްގޮތަކަށްވެސް މެސެޖުތަކުގެ ރައްދެއް ނުލިބެއެވެ. ހިޒާމް ބުނާގޮތުންނަމަ އެއީ ފޯނުގައި ލާރި ނުހުންނާތީ ވާގޮތެކެވެ. އެކަން އެނގިހުރެވެސް އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައި ދޭތެރެއަކުން މެސެޖު ކޮށްލެވެއެވެ. އެ ދުވަސްވަރަކީ ފޭސްބުކާއި، ވައިބަރ ފަދަ އެޕްލިކޭޝަންތައް ބޭނުންކުރި ޒަމާނެއް ނޫނެވެ. އެހެންކަމުން އިތުރު ގޮތެއްވެސް ނޯވެއެވެ.
ހަމައެކަނި މީހެއްގެ އަޑު އިވި، އެ މީހަކު ވާހަކަދައްކާއިރު ގެންގުޅޭ ގޮތެއްގެ ސަބަބުން އެމީހަކާއިމެދު ގަޔާވެދާނެކަމަކަށް އޭގެ ކުރިން އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް އަހަރެންގެ ހިތުގައި ހިޒާމްގެ ނަން ލިޔެވުނީ ނޭނގި ހުއްޓައެވެ. ސަބަބަކަށްވީ ހަމައެކަނި އެ ދެ ސަބަބެވެ. އޭރު ހިޒާމް ހުންނަ ގޮތެއްވެސް ނޭނގެއެވެ. ނަމަވެސް ހިޒާމްގެ ފޯނު ކޯލަށް އަބަދުވެސް އަހަރެންގެ ހިތް އިންތިޒާރުކުރެއެވެ. އެ ފިރިހެންވަންތަ އަޑު އަހާލުމަށްޓަކައެވެ. އަދި އަހަންނާމެދު އެ ބަހައްޓާ އޯގާތެރި، ޚާއްޞަ ގޮތް އިޙުސާސްކޮށްލުމަށްޓަކައެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ހިޒާމްގެ ކޯލުތަކަށް ކުރަންޖެހޭ އިންތިޒާރު ދިގުވާ ވަރަކަށް އަހަރެންގެ ހިތުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. އެ ނޫން ކަމަކާމެދު ނުވިސްނެއެވެ. އެކަމާ އަހަރެން ދެރަވެސް ވެއެވެ. އެންމެ ގާތް އެކުވެރިން އެމީހުންގެ ލޯބިވެރިންނާއިއެކު އުޅޭގޮތް ފެނުމުން އިތުރަށް ހިތަށް ތަދުވެއެވެ. އަހަރެން ހިޒާމްއާމެދު ގާތް ނަޒަރަކުން ދެކުނު ނަމަވެސް އެންމެ ފަހަރަކުވެސް އެކަން ހާމައެއް ނުކުރަމެވެ. ހިޒާމްވެސް އެފަދަ އެއްޗެއް ނުބުނެއެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ އަހަރެންގެ ހިތުގައި ހިޒާމްއަށްޓަކައި މި ޖަހާ ވިންދު ހިޒާމްގެ ހިތުގައި އަހަރެންޓަކައިވެސް ޖަހާނެކަމަށެވެ.
ހިޒާމްގެ އަޑު އަހާލުމަށްޓަކައި އަބަދު އިންތިޒާރުކުރަންޖެހޭތީ އެކަމާމެދު ހިތުގައި ޝަކުވާ އުފެދެންފެށިއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ކަމަކަށް މާބޮޑަށް ބޭނުންވެފައި ހުއްޓާ އެކަމެއް ނުވުމުން ޝަކުވާކުރެވެއެވެ. އަހަންނަށްވެސްވީ އެހެންނެވެ. އެންމެ ފަހުން އެ ޝަކުވާތައް ހިޒާމްއަށް އަޑު އިއްވީމެވެ. އެ ދުވަހު ހިޒާމް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑާލިއެވެ. އެކަމާ އަހަރެން އިތުރަށް ދެރަވިއެވެ. ލޮލުން ކަރުނަވެސް އަޔެވެ. ނަމަވެސް ހިޒާމް އެގޮތަށް ކަންތައްކުރުމުން އަހަރެން ހިތްހަމަނުޖެހޭގޮތްވިއެވެ. އެހެންކަމުން އަހަރެންވެސް އަހަރެންގެ ގޮތުގައި ހުންނަން ނިންމީމެވެ. އެދުވަހުގެ ފަހުން ދެ ހަފްތާވަންދެން ހިޒާމްގެ ޚަބަރެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު އަހަރެން ހިޒާމްގެ ފޯނު ކޯލަކަށް އިންތިޒާރުކުރަމެވެ. އޭރު އަހަންނަށް އެ ދިގު ނަންބަރުވެސް ހިތުދަސްވެއްޖެއެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓީ އަހަރެންނެވެ. ސަބަބަކީ ހިޒާމްއާހެދި ދީވާނާވެފައި ހުރީ އަހަރެންނެވެ. އެ ނަން އަހަރެންގެ ހިތުގައި ލިޔެވިފައިވަނީ ފޮހެނުލެވޭ ވަރަށެވެ. އެންމެ ފަހުން އަހަރެން މަޢާފަށް އެދިފައި މެސެޖުކުރީމެވެ. ރައްދުގައި އެރޭ ގުޅާނެކަމަށް ބުނެފައި ހިޒާމް މެސެޖުކުރިއެވެ.
ހިޒާމް ބުނި ފަދައިން އޭނާ އެރޭ ގުޅިއެވެ. އަދި މީގެ ފަހުން އެގޮތަށް ޝަކުވާ ނުކުރުމަށް އެދުނެވެ. ހަމައެހެންމެ އަހަރެން އެ ދުވަހު ވާހަކަ ދެއްކިގޮތުން އޭނާ ވަރަށް ދެރަވިކަމަށާއި އަހަރެންނާމެދު އޭނާ އަޅާލާކަންވެސް ހާމަކުރިއެވެ. ކިތަންމެ ބޭނުންވި ނަމަވެސް އަހަރެން ބޭނުންވާހާ އިރަކު ނުގުޅޭނެ ކަމުގައި ބުންޏެވެ. އަދި ވަރަށް ދެރަވެފައި އެކަން ޤަބޫލުކުރުމަށް އެދުނެވެ. ކޮންމެ ގޮތެއްވިޔަސް ހިޒާމް ދެއްކީ ރަނގަޅު ވާހަކަތަކެކެވެ. އެހެންކަމުން އެންމެ ފަހުން އެގޮތާ އަހަރެން ރުހުނީމެވެ. ސަބަބަކީ އަހަރެން އެ ގުޅުން ކަނޑާލަން ބޭނުން ނުވުމެވެ.
ޖެހިގެން އައި ހަފްތާ އަނެއްކާ އިތުރު މުސީބާތެއް ކުރިމަތިވިއެވެ. ގޭގައި ގެންގުޅުނު ދައްތަގެ ފޯނު ހަލާކުވިއެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. އަދި ހިޒާމްއަށް އެކަން އަންގަންޖެހޭނެކަމުގައި ދެކި، ރައްޓެއްސެއްގެ ފޯނުން މެސެޖުކޮށްފައި އެ ޚަބަރު ދިނީމެވެ. އަދި ވާހަކަ ދައްކަން ބޭނުންނަމަ އެ ނަންބަރަށް ގުޅުމަށް އެދުނީމެވެ. އެހިސާބުން އަނެއްކާވެސް އަހަރެމެންގެ ގުޅުމަށް ބުރޫއަރަންފެށިއެވެ. ހިޒާމްއަށް ގުޅެނީ ހަފްތާއަކު އެއް ފަހަރުއެވެ. ނަމަވެސް އަހަރެން އެގޭގައި ނޫޅޭތީ އަހަންނާ ދިމާވާގޮތެއް ނުވެއެވެ. ހިޒާމް ގުޅާނެ ވަކި އިރެއް ކުރިން މެސެޖްވެސް ކޮށްނުލައެވެ. ހިޒާމް ގުޅާ ވާހަކަ ރަޙްމަތްތެރިޔާ އަހަރެން ގާތުގައި ބުނެއެވެ. އަހަރެންނަކީ ކިޔަވާ ކުއްޖެކެވެ. ފޯނަށް އަޅާނެ ލާރިއެއް އަހަރެންގެ އަތަކު ނުހުރެއެވެ. ގުޅަން ކިތަންމެ ބޭނުންވި ނަމަވެސް އެހެންމީހެއްގެ ފޯނުން ގުޅަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މެސެޖެއްކުރިޔަސް ޖަވާބެއް ނުދެއެވެ. ދެ ހަފްތާ އެގޮތަށް ގުޅުމަށްފަހު، ދިމާނުވާތީ އެންމެ ފަހުން ހިޒާމް ގުޅުން ހުއްޓާލިއެވެ. ހިޒާމް އެ ގުޅުން ދަމަހައްޓަން މަސައްކަތްނުކޮށް އެހާ އަވަހަށް ހުއްޓާލުމުން އަހަރެން ފޫހިވާގޮތްވިއެވެ. އެންމެ ފަހުން އަހަރެންވެސް އައި ރުޅީގައި އޭގެފަހުން ނުގުޅުމަށް އެދިފައި މެސެޖު ކުރީމެވެ.
އެއީ ފުރަތަމަ އަހަރެންނާއި ހިޒާމް ވަކިވި ހިސާބެވެ. އެ ދުވަހަށްފަހު ހިޒާމް ދެން ބައްދަލުވެދާނެކަމަކަށް ދުވަހަކު އަހަރެންގެ ހިތަށްވެސް ނާރައެވެ. ނަމަވެސް ތަޤުދީރު ކުޅެމުން ދިޔައީ އެހެން ކުޅިވަރެކެވެ.
(ނުނިމޭ)




