ދަޢުލަތުގެ ފައިސާއިން ދިވެހި ރައްޔަތުންނަށް ނުުކުރާ ހޭދަ ފިލައިގެން އުޅޭ ބިދޭސީންނަށް ކުރަން ޖެހިއްޖެ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ބިދޭސީ މަސައްކަތް ތެރިންނަށް ބޮޑު ހޭދައެއް ކުރަމުން ދާ ދަންޑިވަޅެއްގައެވެ. އެގޮތުން ދާދި ފަހުންވެސް ސަރުކާރުން ވަނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީ ޑިސްޓްރިބިއުޝަން ސެންޓަރު ބިދޭސީންގެ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. މި ފެސިލިޓީގައި ގާތްގަނޑަކަށް 667 ބިިދޭސީންނަށް ކަރަންޓީން ވެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިވެއެވެ.
މީގެ އިތުރުންވެސް ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރިގެން ގޮސްފައިވާއިރު، މި ބައްޔަށް ގިނައިން ޕޮޒިޓިވް ވެފައިވަނީވެސް ބިދޭސީންނެވެ. ޚާއްސަކޮށް ބަންގްލަދޭޝް މަސައްކަތް ތެރިންގެ ތެރޭގައި މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެހެން ކަމުން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރަށް ވަނީ މި މީހުންނަށް ބޮޑު ހޭދައެއް ކުރަން ޖެހިފައެވެ.
މި ބަލި ބޮޑަށް ފެތުރިފައިވަނީ އެއް ތަކެއްގައި ތޮއްޖެހިގެން ދިރި އުޅޭ ބިދޭސީންގެ މެދުގައެވެ. އެގޮތުން މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޤާނޫނާ ޚިލާފަށް އުޅޭ 1500 ބިދޭސީން ޤައުމަށް ފޮނުވާލުގެ މަސައްކަތް ކުރަމުން ދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑްރްކެސެންޓުން ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.
ރީކޯ ވިދާޅުވެފައިވަނީ ދިވެހީންގެ އެތަށްބައެއްގެ ކަންކަން ނުފުދި ހާލުގަޖެހެމުންދާ ކަމަށާއި، ނަމަވެސް ދަޢުލަތުން ބިދޭސީންނަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށެވެ.
މަ ބުނިތާޖެހުނީ
ދަވްލަތުގެ ފައިސާއިން ދިވެހި ރައްޔަތުންނަށް ނުުކުރާ ހޭދަފިލައިގެން އުޅޭ ބިދޭސީންނަށްމިއޮތީ ކުރާންޖެހިފަ. ދިވެހީންގެ އެތަށްބައެއްގެކަންކަން ނުފުދި ހާލުގަޖެހެނީ
.
އަދި އެވަރުންވެސް ބަލިޖެހިފަ ތިބެގެން އެމީުން އެބަފިލާ ގިނަލާރިހޯދަން
ހެޔޮވާނީ ކިހިނެއް— Reekomoosa (@ReekoMoosa) May 7, 2020
ރީކޯ އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭރު ވަރައް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށާއި، އެގޮތުން ތަންތަނަށް ސިޓީ ފޮނުވާ، ވެރިންނަށް މައްސަލަ ހުށަހެޅިކަމުގައި ރީކޯ ވިދާޅުވެފައިވެއެވެ. އަދި މަޖްލީހަށް ކުއްލިމައްސަލަ އެއްވެސް ހުށައަޅާފައިވާނެކަމަށްވެސް ރީކޯ ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީންނެއް ދަނީ ޤާނޫނާއި ޚިލާފަށް އުޅެމުންނެވެ. ސަރުކާރުން އެފަދަ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ގޮތުން ހިންގި ޕްރޮގަރާމްތަކުގައިވެސް އެތައް ހާސް ބިދޭސީންނެއް ވަނީ ރަޖިސްޓްރީ ވެފައެވެ.




