ވަޒީފާއިން ވަކިކޮށްގެން 571 ފަރާތަކުން ޖޮބް ސެންޓަރަށް މައްސަލަ ހުށައަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިކޮނަމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް މިހާތަނަށް 2291 ޝަކުވާ ހުށައެޅިފައިވާ ކަމަށް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވިއެވެ. އެގޮތުން ވަޒީފާއިން ވަކި ކުރުމުގެ 571 މައްސަލައެއް ހުށައަޅާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނޯޕޭ އަށް ފޮނުވައިގެން 639 މައްސަލަ، މުސާރަ ކުޑަ ކުރުމުގެ 385 މައްސަލަ އަދި ސަސްޕެންޑް ކުރުމުގެ 162 މައްސަލަ އެއް މިހާތަނަށް ޖޮބް ސެންޓަރަށް ލިބިފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ސެލްފް އެމްޕްލޯއިޑް މީހުންގެ ވަޒީފާއަށް އަސަރު ކުރުމުގެ 280 މައްސަލަ އަދި އޭގެ އިތުރުންވެސް އިތުރު ކެޓެގަރީ ތަކުގެ މައްސަލަތައް ހުށައެޅިފައިވާކަމަށް ފައްޔާޒު ވިދާޅުވުއެވެ.
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އެކި ގޮތްތޮތުން އަސަރުކޮށްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރު މެދުވެރިކޮށް މައްސަލަ ހުށައެޅުއްވުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤްޞަދުގައި ވިޔަފާރިތަކަށް ކޭޝް-ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.




