ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް ގިނަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، އިއްޔެ އެކަނިވެސް ލޮކްޑައުންގެ އަމުރާ ޚިލާފުވި 09 މީހަކު ހައްޔަރުކޮށް، 220 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރުކުރި 06 މީހުންނާއި ހުޅުމާލެއިން ހައްޔަރުކުރި 03 މީހުން ކަމަށާއި، ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 196 މީހުންގެ އިތުރުން ހުޅުމާލެއިން 16 އަދި ވިލިމާލެއިން އަށް މީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 171 މީހުން ހައްޔަރުކޮށް، 3064 މީހަކު ޖޫރިމަނާ ކުރެވިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ޖޫރިމަނާކޮށްފައިވާ 3064 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާކުރެވުނު 2639 މީހުންނާއި، ހުޅުމާލެއިން 353 މީހުން އަދި ވިލިމާލެއިން ޖޫރިމަނާކުރެވުނު 72 މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން ހައްޔަރުކޮށްފައިވާ 171 މީހުންގެ ތެރޭގައި ހިމެމެނީ މާލެއިން ހައްޔަރުކުރި 155 މީހުންގެ އިތުރުން ހުޅުމާލެއިން ހައްޔަރުކުރި 14 މީހުން އަދި ވިލިމާލެއިން ހައްޔަރުކުރި ދެމީހުންނެވެ.
ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ނަަމަވެސް މިއީ މި ބަލިން ސަލާމަތްވުމަށް އެތައް ބަޔަކު ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.



