ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ސީޕީ ކޮންޕްރޮމައިޒްކޮށް ސަރުކާރު ހިސޯރުކުރިޔަކަ ނުދޭނަން - ރައީސް ނަޝީދު

ޕޮލިސް ކޮމިޝަނަރު ކޮމްޕްރޮމައިޒްކޮށް ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ސަރުކާރު ހިސޯރު ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދު ކޮމްޕްރޮމައިޒްކޮށްގެން ވައްކަމާއި ކޮރަޕްޝަނާއި ހައްދުފަހަނައެޅި މީޙުން ރެކިތިބެ ސަރުކާރު ހިސޯރުކުރަން ޖާގަ ނުދެވޭނެ ކަމަށެވެ.

"ސީޕީ ހަމީދު ކޮމްޕްރޮމައިޒްކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްސަނާއި، ހައްދުފަހަނައެޅި މީހުން ރެކިތިބެ، ސަރުކާރު ހިސޯރުކުރަން ޖާގައެއް ނުދެވޭނެ. ސީޕީ ހަމީދަކީ އިޚްލާސްތެރި ޕޮލިސް ކޮމިޝަނަރެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، ސީޕީ ހަމީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި މިވަނީ ރޭ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ފޮޓޯތަކަކާ ގުޅިގެން، ސީޕީ ހަމީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ސީޕީ ހަމީދު ކަމަށް ބެލެވޭ މީހަކު އަންހެނުންތަކަކާއެކު ނައިޓް ކްލަބެއްފަދަ ތަނެއްގައި ޕާޓީކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ޓްވިޓާގައި ލީކް ކޮށްލާފައިވަނީ އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުންނެވެ.

ލީކް ކޮށްލާފައިވާ ފޯޓޯތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލުކުރި ނަމަވެސް، މިހާތަނަށް އައިއިރު އެކަމާ ފުލުހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ފޮޓޯތަކެއް ލީކުވި މައްސަލައިގައި ޕޮލިސް ކޮމިޝަނަރަށް ޕްރެޝަރ ބޮޑުވެފައިވާއިރު، އެމްޑީއެން އިން ނެރުނު ދީނާ ޚިލާފު ރިޕޯޓާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށްބުނެވެސް ސީޕީއަށް ކުރިން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ