އެންމެ ބަރަކާތްތެރި ރޭ ކަމުގައިވާ ލަޢިލަތުލް ޤަދްރި ވިލެރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުން ރެޔެއްގައެވެ. މިކަން ޤުރުއާނާ ރަސޫލާގެ ސުންނަތުން ސާބިތުވެއެވެ. އެހެން ކަމުން މިރޭގެ ދަރުމަޔާ ޘަވާބު އެންމެ ފުރިހަަމަ ގޮތުގައި ހޯދުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަން ޖެހެއެވެ.
މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވިއެވެ.
قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
މާނައީ: ކަމަނާ މިފަދައިން ވިދާޅުވާށެވެ. 'اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي' (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!
ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅި ޘާބިތުވެގެންވާ ރެއެއް ނޫނެވެ. އެ ރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ނޭނގުނު ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ނުވަތަ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އެ ރޭ ހޯދުމަށް މަސައްކަތް ކުރުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވެއެވެ. އެހެން ކަމުން މި ރަމަޟާން މަހުގެ ފަހުދިހައިގައި އިސްވެ ދެންނެވުނު ދުޢާކުރުން ގިނަކުރަމާތޯއެވެ. މީގެ އިތުރުން ވެސް އެންމެހާ ހެޔޮޢަމަލުތައް އެރޭގައި ކުރުން ޝަރުޢުވެގެންވެއެވެ.



