ހިތުގައިވޭ ތި ނަން (3)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

(ދެވަނަ އަދަދާއި ގުޅޭ)

އެއީ ފުރަތަމަ އަހަރެންނާއި ހިޒާމް ވަކިވި ހިސާބެވެ. އެ ދުވަހަށްފަހު ހިޒާމް ދެން ބައްދަލުވެދާނެކަމަކަށް ދުވަހަކު އަހަރެންގެ ހިތަށްވެސް ނާރައެވެ. ނަމަވެސް ތަޤުދީރު ކުޅެމުން ދިޔައީ އެހެން ކުޅިވަރެކެވެ.

އޭގެ އެއް އަހަރު ފަހެވެ. އަހަރެން ގްރޭޑް ބާރައިގައި އުޅެނިކޮށް ހަދިޔާއަކަށް ފޯނެއް ލިބުނެވެ. ހިޒާމްއާ ގުޅުން ކަނޑާލިނަމަވެސް އަހަރެންގެ ހިތުން ހިޒާމްގެ ނަން ފޮހެވިގެން ނުދެއެވެ. އެހެންކަމުން ފޯނު ލިބުމުން އެންމެ ފުރަތަމަވެސް އަހަރެން ގުޅޭތޯ ބެލީ ހިޒާމްގެ ނަންބަރަށެވެ. ނަމަވެސް އެކޮޅުން ބުނަނީ އެއީ މިހާރު ބޭނުންކުރާ ނަންބަރެއް ނޫންކަމުގައެވެ. އެގޮތަށް ކަންތައްވީނަމަވެސް އަހަރެން ދޭތެރެ ދޭތެރެއިން އެ ނަންބަރަށް ގުޅޭތޯ މަސައްކަތްކުރަމެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވެއެވެ.

ގްރޭޑް ބާރަ ނިމުމާއެކު އަހަރެން މާލެއަށް ބަދަލުވީމެވެ. އެދުވަސްވަރަކީ ފޭސްބުކާއި، މިގް ތާރޓީ ތްރީ ބޭނުންކުރަން ފެށި ދުވަސްވަރެވެ. ޢުމުރުގެ އެހެންކުދިންނެކޭ އެއްފަދައިން އަހަރެންވެސް އެ އެޕްތައް ބޭނުންކުރަންފެށީމެވެ.

އާދައިގެ މަތިން ހިޒާމް މަތިން ހަނދާންވި ދުވަހެކެވެ. އެއްދުވަހަކު ހިޒާމަށް ވަނަމެއްގެ ގޮތުގައި މީހުން ކިޔައި އުޅޭ ނަން ބުނުމުން އަހަރެން އެކަމާ ޖޯކު ޖެހި ހަނދާނެއް ވިއެވެ. އެއީ އެ ނަން ތަފާތުކަމުންނެވެ. އެހެންކަމުން އެ ނަމުގައި މިގް ތާރޓީ ތްރީގައި އައި.ޑީއެއް ހަދާފައި އިންތޯ ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އަހަރެންގެ އުންމީދު އައުވީ އެ ނަމުގައި އިން އައި.ޑީއެއް ފެނުމުންނެވެ. އެއީ ހިޒާމަށް ވުމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުން އަހަރެން ވާހަކަ ދައްކަންފެށީމެވެ. އެއީ ދެވަނަ ފަހަރަށް އަހަންނާއި ހިޒާމްގެ ގުޅުން ފެށުނު ހިސާބެވެ. ދިމާވެދާނެކަމުގައި ހީވެސް ނުކޮށް ހުއްޓައި އަނެއްކާވެސް ތަޤުދީރު އަހަރެމެން ބައްދަލުކުރުވިއެވެ. އަހަރެން ހުރީ ޤަބޫލުކުރަންވެސް ދަތިވެފައެވެ.

ހިޒާމް ބުނިގޮތުންނަމަ އޭރު އޭނާ އުޅެނީ މާލޭގައެވެ. ބޭބެ ވިޔަފާރިއެއް ފެށުމުން، ބޭބެއަށް އެހީތެރިވެދިނުމަށްޓަކައި އަންނަން އެދުމުން ދިރިއުޅުން މާލެއަށް ބަދަލުކުރީއެވެ. އަދި މިހާރު އިތުރަށް ކިޔަވަމުންދާކަމުގައިވެސް ބުންޏެވެ. އެއަށްފަހު ދެން ހިޒާމް އެދުނީ ބައްދަލުކުރުމަށެވެ. އަހަރެން އެކަމާ ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި ހިޒާމްގެ އަޑު އަހާލުމަށްޓަކައި އަހަރެން ބޭޤަރާރުވެގެން އުޅުނު ގޮތް އަދިވެސް ހަނދާނުން ނުފިލައެވެ. އެހެންކަމުން ދެވަނަ ވިސްނުމަކަށް ދިއުމުގެ އެއްވެސް ޖާގައެއް ނެތެވެ.

ބައްދަލުކުރާނެ ވަގުތާއި، ތަން ކަނޑައެޅީ ހިޒާމެވެ. އޭގެ ފަހުން ހޭދަވި ކޮންމެ ސިކުންތަކާއި، މިނެޓެއްގައި އަހަންނަށް އެ ނޫން ކަމަކާއި މެދު ނުވިސްނެއެވެ. އެ ބަރު އަޑާއި އެއްވަރަށް ހިޒާމްވެސް ހަމަ އެހާ ފިރިހެންވަންތަ ވާނެބާއެވެ؟ އަހަންނަށް ހިޒާމްގެ ސިފަ ކަމުދާނެބާއެވެ؟ ހިޒާމްވެސް އަހަންނާ ބައްދަލުކުރަން ދިއުމުގެ ކުރިން މި ހުރިހާ ކަމަކާއިމެދު ވިސްނާނެ ބާއެވެ؟ މިފަދަ އެތައް ސުވާލުތަކެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އޭގެ ސަބަބުން އެވަގުތަށްޓަކައި ކުރަންޖެހިފައިވާ އިންތިޒާރު ދިގުވާހެންވެސް ހީވާންފެށިއެވެ.

ކޮންމެއަކަސް ހިޒާމްއާ ބައްދަލުކުރަން އަހަރެން ދިޔައީ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން، ތައްޔާރު ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެގެންނެވެ. އެވަގުތު އަހަންނަށް ކުރެވެމުންދިޔަ އިޙުސާސްތަކަކީ ލަފުޒުތަކަކުން ބަޔާންކޮށްދެވޭނެ އިޙުސާސްތަކެއް ނޫނެވެ.

ވެސްޓްޕާކްގެ މާޙައުލު އޮތީ އަހަރެންގެ ހިތެކޭ އެއްފަދައިން ހަލަބޮލިކޮށެވެ. އަތްފައި ފިނިވެފައި ހުރުމުން ހިނގަންވެސް އުނދަގޫވިއެވެ. ނަމަވެސް ހިޒާމް އިންނާނެކަމަށް ބުނި މޭޒާއި ދިމާއަށް އަހަރެން ހިނގަމުން ދިޔައީމެވެ. ވަކި ހިސާބަކަށް ދެވުމުން އެ މޭޒު ދޮށުގައި ހުދު ކުލައިގެ އަތް ދިގު ގަމީހެއްލައިގެން އިން ފިރިހެން ކުއްޖަކު ފެނުނެވެ. ފެންނަ ފެނުމަށް އެކުއްޖާގެ ހަށިގަނޑު ހިކިވެފައި، އިސްކޮޅުން ދިގުކަމަށް ދައްކައެވެ. އެއީ އަހަންނަށް އެންމެ ކަމުދާ ސިފަތަކެވެ. އެމީހެއްގެ މޫނު ފެނުނީ މޭޒާ ތަންކޮޅެއް ކައިރިވި ފަހުންނެވެ. އެ މޫނު ފެނުމުން އަހަރެން ބޭރަށް ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވި ކަމުގެ އިޙުސާސް ކުރެވުނެވެ. ސުބުޙާނަﷲ އެވެ! އެއީ އަހަރެންގެ ޚިޔާލުގައި ކުރެހިފައިވާ ސޫރައަށްވުރެ އެތައް ގޮތަކުން ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތް ހިބައިން ދެވުނެވެ.

"ޝެލީ؟" ޔަޤީންކޮށްލުމުގެ ގޮތުން ހިޒާމް އަހާލިއެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް އަހަރެންގެ އަޑު ނުކުޅެދުމުން ބޮލުން ޖަވާބު ދިނީމެވެ.

"މިއީ ހިޒާމް." އެއީ އަހަރެންކަން އެނގުމުން އޭނާ ތަޢާރްފެވެލިއެވެ. އަދި އަތުން އިޝާރާތްކޮށްފައި އިށީންނަން އެދުނެވެ.

"އެންމެ ފަހުން ބައްދަލުވީ ދޯ. ވަރަށް އުފާވެއްޖެ!" ފޯނުން އިވޭވަރަށްވުރެ، ކައިރިން އިވުމުން އެ އަޑު އަދި މާ ބަރުވެފައި ހިތްގައިމުހެން ހީވިއެވެ.

"އަހަރެންވެސް." ކަރު ކެހިލާފައި، ހިނިތުންވެލަމުން އަހަރެން ބުނެލީމެވެ. ހިތުގައި ހިނގަމުން ދިޔަ އިޙުސާސްތައް މޫނުން ފާޅުވިޔަ  ނުދިނުމަށްޓަކައި އަހަރެން ދިޔައީ އެތައް މަސައްކަތެއްކުރަމުންނެވެ.

އެރޭ ގިނަ ވާހަކަދެއްކީ ހިޒާމެވެ. ހިޒާމްގެ ވާހަކައިން އެނގުނުގޮތުގައި ފާއިތުވި ދުވަސްތަކުގައި ހިޒާމްވެސް އަހަންނާ ގުޅޭތޯ ވަރަށް މަސައްކަތްކުރިއެވެ. އަހަރެން ނުގުޅުމަށް އެދި މެސެޖުކުރި ފަހުންވެސް، ރަޙުމަތްތެރިޔާގެ ނަންބަރަށް ގުޅިކަމުގައި ބުނެޏެވެ. އަދި މާލެ ބަދަލުވާ ވާހަކަ އަހަރެން ކައިރީގައި ބުނެދިނުމަށާއި، ނަންބަރުވެސް ހިއްސާކުރިކަމުގައި ބުންޏެވެ. ނަމަވެސް ރަޙުމަތްތެރިޔާ އަހަންނަށް އޭގެން އެއްވެސް މެސެޖެއް ރައްދުކޮށްނުދެއެވެ. އެކަމާ އަހަރެން ވަރަށް ދެރަވެ، ރުޅިވެސް އަޔެވެ. ނަމަވެސް ދެން އެކަމާ ރަޙުމަތްތެރިޔާއާ ދިމާއަށް އެއްޗެއް ބުނުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި އަހަރެން ދެކުނީމެވެ. އެއީ ކިތަންމެ ހިތްހަމަނުޖެހުނުނަމަވެސް ދެން އެ ދުވަސްތައް އަނބުރާ ނުލިބޭނެތީއެވެ. އަހަންނަށް މުހިންމުވީ އޭރު ގުނަމުން ދިޔަ ވަގުތުތަކެވެ. އެ ރޭގެ އެ ވަގުތެވެ. އަހަރެން އިނީ އެންމެ އެކުގައިވާން ބޭނުންވާ ފަރާތާއި އެކުގައެވެ. އެރޭ ދެމީހުން ވަކިވެގެން ދިޔައީ ނަންބަރު ބަދަލުކޮށްފައެވެ.

އާދައިގެމަތިން ދުވަސްތައް ކުރިއަށް ދިޔައެވެ. ހިޒާމް އަހަންނަށް ގުޅަނީ ވަރަށް މަދުންނެވެ. އަހަރެން ދޭތެރެއަކުން ގުޅާލުމުން ބުނަނީ ބޭބެގެ ފިހާރަޔާއި ކިޔެވުމުގެ ކަންތައްތަކުގައި ބުރަކޮށް އުޅޭތީ ގުޅާނެ ވަގުތު ނުވަނީކަމުގައެވެ. އެހެންކަމުން ކުރީފަހަރު ޝަކުވާ ކުރުމުން ވީ ގޮތް ހަނދާނުގައި ހުރުމުން އަހަރެން ކެތްކޮށްލައިގެން ހުރީއެވެ. އެދުވަސްވަރު އެއް ރެއަކު ހިޒާމް އަހަރެންގެ ގެއަށްވެސް އަޔެވެ. ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި ޢާއިލާ މީހުންނަށް އަހަރެން ހިޒާމް ތަޢާރަފްކޮށްދިނީމެވެ. ސަބަބަކީ އެހާތަނަށް ދިޔައިރުވެސް އެ ގުޅުން އެއަށްވުރެ މަތީ ހަރުފަތަކަށް ގެންދަން ބޭނުންވާކަމުގެ އެއްވެސް އިޝާރާތެއް ހިޒާމްގެ ފަރާތުން ނުފެންނާތީއެވެ. އަހަރެން ދެކޭ ގޮތުގައި އަންހެން ކުއްޖަކު އެފަދަ ކަމަކަށް އިސް ނެގުމަކީ ވަރަށް ހުތުރު އަދި ދަށުދަރަޖައިގެ ކަމެކެވެ. އެހެންކަމުން އަހަރެންވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން ބައްދަލުކުރުމަށްޓަކައި އަހަރެންގެ ގޭ ދޮރުމައްޗަށް ހިޒާމް އާދެއެވެ.

ބައްދަލުކުރަން ހިޒާމް އައި ރޭތަކުގެ ތެރެއިން ރެޔެކެވެ. ވާހަކަ ދައްކަމުން ގޮސް ހިޒާމް އެދުނީ އޭނާއަށް އެކައުންޓްސްއިން އެއްޗެއް އޮޅުންފިލުވައިދިނުމަށްޓަކައި އޭނާއާއެކު އެގެއަށް ދިއުމަށެވެ. އޮތް އިތުބާރެއްގެ ބޮޑުކަމުން އަހަރެން ވަގުތުން އެއްބަސްވީމެވެ. ހިޒާމް އަހަންނަށް އެއްވެސް ދެރަގޮތެއް ނުހަދާނެކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ. އޭރު ހިޒާމް އަތުގައި ސައިކަލެއް ނުހުންނާތީ އަހަރެމެން ދިޔައީ ހިނގާފައެވެ. އެ ގެ ހުންނަނީ އަހަރެމެންގެ ގެޔާ ވަރަށް ކައިރީގައެވެ. އެ ގޭގައި އުޅެނީ ބޭބެއާއި، ބޭބެގެ އަންހެނުން އަދި އޭނާ ކަމުގައި ހިޒާމް ބުންޏެވެ. އަހަރެންގެ ޢާއިލާއާ ހިޒާމް ބައްދަލުކޮށްފައިވާތީ އަހަރެންވެސް ހުރީ ހިޒާމްގެ ޢާއިލާއާ ބައްދަލުކުރާ ހިތުންނެވެ. ނަމަވެސް އެ ގެއަށް ވަދެވުނު އިރު އެ ގޭގައި ރަސްކަންކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. އެކަމާ އަހަރެން ސުވާލުކުރުމުން އެވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭކަމުގައި ހިޒާމް ބުންޏެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ