ރާއްޖެއިން ބޭރުގައި ހާލުގައި ޖެހުނު ދަރިވަރުންނަށް ފައިސާގެ އެހީ ދެނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަމެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހާލުގައި ޖެހިފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުސޫލެއް އެކުލަވާލާ އާއްމުކޮށްފައެވެ.

މި އެހީގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ދިވެހިރާއްޖޭން ބޭރުގައި އަމިއްލަ ޚަރަދުގައި ނުވަތަ ސްޕޮންސަރޝިޕެއްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު އާންމުކޮށްފައިވާ އުސޫލުގެ ދަށުން ޝަރުތުހަމަވާ ފަރާތްތަކަށެވެ. އަދި މިއެހީ އަށް އެދި ކުރިމަތިލެވޭނީ ރޭއްޖެއިން ބޭރުގައި މިހާރުވެސް ތިބި ޝަރުތުހަމަވާ ދަރިވަރުންނަށެވެ، އަދި، ދިވެހިސަރުކާރުގެ ސްކޮލަރޝިޕެއް ނުވަތަ ލޯން އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، މި އެހީއަށް އެދި ހުށަހެޅޭނީ ސަރުކާރުން ދޭ ސްޕޮންސަރޝިޕް ނިމި އަދި ކޯސް ފުރިހަމަކުރުމަށްފަހު ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ރާއްޖެނާދެވިވާ ދަރިވަރުންނަށެވެ.

ފައިސާގެ އެހީގެ މިންވަރު ކަނޑައެޅުމުގައި، އެދަރިވަރެއް ކިޔަވަމުންދާ ޤައުމަށް ސަރުކާރުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓަށް ވަނީ ރިޔާއަތްކުރެވިފައެވެ. އެގޮތުން، ދިރިއުޅުމުގެ ޚަރަދަށް ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ މަދުން ކަނޑައެޅިފައިވާ ޤައުމުތަކުގައި އުޅޭ ދަރިވަރުންނަށް ލިބޭނީ މިހާރުވެސް އެ ޤައުމަކަށް ދުވާލަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. ނަމަވެސް، ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުކޮށް ކަނޑައެޅިފައިވާ ޤައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ދެވޭނީ 50.00 (ފަންސާސް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

މި ފައިސާގެ އެހީ ހަމަޖެހޭނީ އެހީއަށް އެދި ހުށަހަޅާ ފޯމާއި، ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހެޅުމުގެ އިތުރުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތުތައް ފުރިހަމަވުމުންނެވެ. ފައިސާގެ އެހީ ދަރިވަރަށް ޖަމާކޮށްދޭނީ ކޮންމެ 14 ދުވަހަކުން އެއްފަހަރު، ދަރިވަރު އެކަމަށް އެދި އީމެއިލްއަކުން އެދުމުން އެއިރުގެ ހާލަތަށް ރިޢާޔަތްކުރުމަށް ފަހުއެކެވެ. މި ގޮތަށް ފައިސާގެ އެހީ ގިނަވެގެން ދެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ލިޔުންތަކުގައި ޞައްޙަނޫން މަޢުލޫމާތެއް ހުށަހަޅައިފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ