މިހިނގާ މެއި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ނިންމަވައިފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރުގެ މުއްދަތު، 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމައިފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށެވެ.
ސަރުކާރު ބަންދު ނަމަވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސް ތައް ހުޅުވާނެއެވެ. މިގޮތުން މުވައްޒަފުން ބޭނުން ކުރުމުގައި ވީހާވެސް މަދުން ބޭނުން ކުރުމަށް ސަރުކާރު އޮފީސް ތަކަށް ރައީސް ޞޯލިޙް ވަނީ ދަންނަވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންދަވަނީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.




