ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު އެބައްޔަށް ފަރުވާ ހޯދަމުންދަނީ އެންމެ 89 މީހުން ކަމުގައި ކޮވިޑް-19 ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2019 ޑިސެންބަރު 30 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީ ކޮވިޑް-19 ފެނުނުއި، މި ބަލީގެ ނުރައްކާތެރިކަން މިހާ ބޮޑުވެދާނެކަމެއް ދުނިޔޭގެ އެއްވެސް ގައުމަކުން ހީކޮށްފައެއް ނުވެއެވެ. ނަމަވެސް ވުހާން ސިޓީ އިން ފެނުނު މި ނުރައްކާތެރި ބަލި މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޤައުމުތަކަށް ތައްޔާރު ވުމަށްވެސް ފުރުޞަތެއް ނުދީއެވެ.
2020 ފެބުރުވަރީ މަސް ނިމުނު އިރު ޗައިނާގެ އިތުރުން ޔޫރަޕާއި ދުނިޔޭގެ އެެހެން ޤައުމުތަކުގައި ވަނީ ހަލުވި ކަމާއެކު މި ބަލި ފެތުރެން ފަށާފައެވެ. އަދި މި ބަލި ޗައިނާއަށް ވުރެ ބޮޑަށް ހަލުވި ކަމާއެކު ޔޫރަޕާއި އެމެރީގައި ފެތުރެން ފެށުމާއެކު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދިޔައީ ގިނަވަމުންނެވެ.
ނަމަވެސް މި ބަލި ފެތުރެން ފެށި ޗައިނާގައ މިހާރު ވަނީ ވަރަށް ބޮޑަށް މި ބަލި ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން އެ ޤައުމުގައި އިއްޔެ މިބައްޔަށް ޕޮޒިޓިވެފައިވަނީ 8 މީހެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 82،947 މީހެކެވެ. އޭގެ ތެރެއިން 4،633 މީހަކު މަރުވެފައިވާއިރު، 78،227 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މި ބައްޔަށް އެ ޤައުމުގައި މިހާރު ފަރުވާ ހޯދަމުން ދަނީ އެންމެ 89 މީހުން ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.
މުޅި ދުނިޔެއަށް ބަލާލާއިރު 4.7 މިލިއަން މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. އަދި 313،268 މީހަކު މި ބަލީގައި މަރުވެފައިވާއިރު، 1.8 މިލިއަން މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް މިހާތަނަށް ވެކްސިނެއް އަދި ބޭހެއްވެސް އުފެއްދިފައި ނުވާއިރު، ބަލި ކޮންޓޮރޯލް ކުރުމަށްޓަކައި ގިނަ ޤައުމުތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ.




