ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސްނެގުން މިއަންނަ ހުކުރު ދުވަހު އޮންނާނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
އެ އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވެނޭ އިންތިޒާމު، ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް، މިދުވަސްވަރަކީ ކޮވިޑް-19 އާއި ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށްވާތީ، ރާއްޖޭގެ ރަށަކަށް ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން ޢާއްމުކުރައްވާފައިވާ ގޮތަށް ޢަމަލު ކުރައްވައި ހެކިބަސް ދެއްވުން އެދޭކަމަށެވެ. އަދި
މާލޭގައި ނަމަ، 7704777 ނަންބަރު ފޯނަށް ގުޅުއްވައި، އެމަޢުލޫމާތު ޙިއްޞާ ކުރައްވެން އެދޭކަމަށެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް، 29 ރަމަޟާން 1431 (22 މެއި 2020)
ވާހުކުރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން އިރުއޮއްސި 07:30 އަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިއުލާނުގައި ބުނެފައި ވެއެވެ.
މިހެންކަމުން، މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހަނދާބެހޭ މަޢުލޫމާތު ދެއްވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދިލައްވައެވެ.



