ކޮވިޑް-19 ގެ ދަތި ވަގުތުތަކުން ވިޔަފާރިތަކާއި މުވައްޒަފުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުގެ ރަސްމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން 157 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުންނެވެ.
"ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި، ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މާތްﷲގެ ވާގިފުޅާއެކު، ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.
ބީއެމްއެލްއިން 157 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު، ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު 530 ފަރާތަކަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.
								
											

