ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚާރިޖީ ވަޒީރާއި ޗައިނާ ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭ ގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޗައިނާގެ ސަފީރު ވަނީ ފާޅު ކުރައްވާފައެވެ.
Pleasure to hold extensive discussions with @AmbassadorZhang of China today. We covered broad range of issue of mutual interest. #Maldives is strong supporter of #China’s territorial integrity. He assured me of China’s interest in working with #Maldives Govt on #Covid-19 recovery pic.twitter.com/4ladh2c5UL
— Abdulla Shahid (@abdulla_shahid) May 23, 2020
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ޗައިނާ ސަފީރާ ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ އަލީ ނަސީރު މުހައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.




