ރަމަޟާންމަސް ނިމުނު ނަމަވެސް ފަގީރުންނާއި ނިކަމެތިންގެ ހާލު އިޙްސާސްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުރުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.
މިނިސްޓަރ އިމްރާން މިފަދައިން ގޮވާލައްވާފައި މިވަނީ މިއަހަރުގެ ފިތުރު ޢީދު ގެ ތަޙްނިޔާ އަރިސްކުރައްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ. އިމްރާން ވިދާޅުވެފައިވަނީ މި އަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެން ހޭދަކުރަން ޖެހުނީ ދުވަހަކުވެސް އަޅުގަނޑުމެން ރަމަޟާން މަހާއި ބައްދަލު ނުކުރާހާ ތަފާތުގޮތަކަށް ކަމަށެވެ. އެހެންކަމުން މިހާލަތުގެ ސަބަބުން ދަތި ހާލުގައި އުޅެން ޖެހުނު ފަޤީރުންނާއި، މިސްކީނުންގެ ދަތިހާލު އަޅުގަނޑުމެނަށް ކޮންމެވެސް ވަރަކަށް އިޙްސާސް ކުރަންޖެހުނު ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ މިދަތިހާލުގައި ފަޤީރުންނާއި މެދު ގާތްކަން ބަހައްޓާ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ކަމަށާއި، ރަމަޟާން މަސް ނިމުމު ނަމަވެސް ކުރީގެ ދުވަސްތަކެކޭވެސް އެއްފަދައިން ފަޤީރުންނާއި ނިކަމެތިންގެ ހާލު އިޙްސާސް ކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެދޭކަމަށެވެ.
"އެހެން އަހަރު ތަކެކޭ އެއްގޮތަށް ޢީދު ނަމާދަށް ނުދެވުނު ކަމުގައިވިޔަސް ޢީދު ދުވަހަކީ އުފާވެރިކަން ގެނެސްދޭ އުފާވެރި ދުވަހެއް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އެހެން ކަމުން މިހާލަތުގައި އާއިލާގެ މީހުންނަށާއި، ރައްޓެހި ރަޙުމަތްތެރިންނަށާއި، ގާތްތިމާގެ މީހުންނަށް އުފާ ފާގަތިކަން ފޯރުކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއްކަމުގައި މިނިސްޓަރ އިމްރާން ވިދަޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޢީދު ދުވަހުގެ ޢުފާވެރިކަން ދެމެހެއްޓިގެންދާހިނދު އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންގެ މަތިން ހަނދުމަކޮށް މި ޢީދު ދުވަސް އުފާވެރި ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެން ކުރަންވީ ކަމެއްކަމަށެވެ.
މިނިސްޓަރ ވަނީ މިއަހަރުގެ ފިޠުރު ޢީދުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށާއި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނާއި، އަދި މުޅި އިސްލާމީ އުންމަތަށް ފޮނުވާފައެވެ.



