އަޖައިބެކެވެ! (ފަހުބައި)

(ދެވަނަ އަދަދާއި ގުޅޭ)

އެބުނާ ކެމިކަލްއެއްގެ އަޑު އެމީހުން އެ އެހީވެސް އަދި އަލަށެވެ. ކެންސަރު ރިސާރޗް ސެންޓަރުގައި އެމީހުން ދަންނަ އެއްވެސް މީހަކުވެސް އުޅޭކަން އެނގިފައެއް ނުވެއެވެ. ދާނިޝްއާއި ޔާނާ، އަދި ޒީނާ އާއި ޝާމިންއަކީވެސް ލޯބިން، ރީތި ދިރިއުޅުމެއް އުޅެމުންދިޔަ ބަޔެކެވެ. އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. ދެފަރާތުގެ ޢާއިލާތަކަކީވެސް އަޚުލާޤު ރަނގަޅު، މީހުން ޤަދަރުކުރާ އަދި ގުޅިގެން އުޅޭ ބަޔެކެވެ. ޒީނާއާއި ޔާނާގެ ދެމެދުގައިވެސް އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެހެންވިއްޔާ އެވަރުގެ ކަމެއް ކުރީ ކާކު ބާއެވެ؟

ތަޙުޤީގުގެ މިސްރާބު މިހާރު ބަދަލުވެފައިވަނީ ކެމިކަލް އެގެއަށް އެތެރެކުރި މީހަކު ނުވަތަ ބަޔަކު ހޯދުމަށެވެ. އެގޮތުން އެދުވަހު ހަވީރު ސައިގައި ބައިވެރިވި އެންމެންގެ ކޯލް ލޮގްތައް ޗެކްކުރެވުނެވެ. ނަމަވެސް އެމައްސަލައާއި ގުޅުންހުރި އެއްވެސް ކަމެއް ނުފެނުނެވެ. ކުރިންވެސް އެގެއިން އިތުރު މީހެއްގެ އިނގިލީގެ ނިޝާން ފެނިފައެއް ނުވެއެވެ. ފަނި އަޅާފައި ހުރި ޖަގުވެސް އެ ދުވަހު ބޭނުންކުރުމަށްފަހު ދޮވެފައިވާތީ އޭގެންވެސް އެއްވެސް ނިޝާނެއް ނުފެނުނެވެ.

ދެން ޒާހިދު ބެލީ އެތަނުން މީހެއްގެ މައްސަލައެއް ފުލުހުންގެ އިދާރާގައި އެއްވެސް ޒަމާނެއްގައި ރިކޯރޑުކުރެވިފައިވޭތޯއެވެ. އެގޮތަށް ބަލަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ މީގެ ފަސް އަހަރު ކުރިން ދާނިޝް ފުލުހުންނަށް ދީފައިވާ ބަޔާނެކެވެ. އޭގައި ވާގޮތުން، އެ ރަށު މުޙައްމަދު އަޒްމީން ނަމަކަށް ކިޔާ މީހަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެކަމުގެ ސަބަބު ތަފްސީލުކޮށް އެނގޭކަށް ނެތެވެ. އަދި ދާނިޝްއާއި އަޒްމީންއާ ހުރީ ކޮން ގުޅުމެއްކަމެއްވެސް ހާމަކޮފައެއްނުވެއެވެ. މި ފެނުނު މަޢުލޫމާތުގެ އަލީގައި ދެން ޒާހިދު ހޯދީ އަޒްމީންގެ ވަނަވަރެވެ. ބެލި ބެލުމުން އެނގުނު ގޮތުގައި އެ މައްސަލައިގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޢަފޫޢާމްގެ ދަށުން މީގެ އެއް އަހަރު ކުރިން އޭނާ ވަނީ ދޫކޮށްލެވިފައެވެ. އޭގެ އިތުރަށް އަޒްމީންއާ ބެހޭގޮތުން ދެން ޒާހިދަށް ލިބުނު މަޢުލޫމާތަކީ މިއޮއްހާ ދުވަހު ރެޔާއި ދުވާލު އޭނާއާއި އޭނާގެ ބައިވެރިން ކުރަމުންއައި ބުރަ މަސައްކަތް ނިމުމަކާއި ހަމައަށް ގެންދިއުމަށް ބޭނުންވާ ވަރަށް މުހިންމު މަޢުލޫމާތެކެވެ. ނަމަވެސް އޭގެ ކުރިން ދާނިޝްއާއި އަޒްމީންއާ ހުރި ގުޅުން ހޯދުން މުހިންމެވެ. އެހެންކަމުން ލަސްނުކޮށް ޒާހިދު ދާނިޝްގެ ގެއަށް ދިޔައެވެ.

"ތިޔަ ރަށު ގުލްބަކާގޭ މުޙައްމަދު އަޒްމީންއާ ދާނިޝްއާ އެއްވެސް ގުޅުމެއްވޭތޯ؟" ބޭކާރު ވާހަކަތަކެއް ނުދައްކާ ޒާހިދު ސީދާ މަޢުލޫއަށް ދިޔައެވެ.

"އެއީ އަޅުގަނޑާ އެއްވެސް ގުޅުމެއް ހުރި މީހެއްނޫން. ކިހިނެއްތޯ ވީ؟" ދާނިޝްވެސް ކޮށްލީ ސުވާލެކެވެ.

"އެކަމަކު މީގެ ފަސް އަހަރު ކުރިން އަޒްމީން ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ މައްސަލައެއް ދާނިޝް ރިޕޯޓްކޮށްފައި އެބައޮތް." ޒާހިދު އޮޅުންފިލުވައިދިނެވެ.

"ލައްބަ. އަސްލު އަޒްމީންއަކީ ޔާނާގެ ކުރީގެ ލޯބިވެރިޔާ." އެހިސާބަށް ބުނުމަށްފަހު ދާނިޝް ބަލާލީ ޔާނާއަށެވެ. އެވަގުތު ފާޑަކަށް ހުރެފައި ޔާނާ އެކަމާބެހޭ އިތުރު ތަފްސީލުދޭން ފެށިއެވެ. 

އަޒްމީންއަކީ ޔާނާގެ ސްކޫލް ދައުރުގެ ލޯބިވެރިޔާއެވެ. އެދެމީހުންގެ ގުޅުން ތިން އަހަރު ދުވަހު ކުރިއަށް ދިޔައެވެ. ގްރޭޑް ދިހައެއް ނިމުމާއެކު މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި އަޒްމީން އޭނާގެ ޢާއިލާއާއެކު މެލޭޝިޔާއަށް ބަދަލުވިއެވެ. އެކޮޅަށް ގޮސް ފުރަތަމަ ދުވަސްކޮޅު އަޒްމީން ވަރަށް ގިނައިން ޔާނާއަށް ގުޅާ ހެދިއެވެ. ނަމަވެސް ފަހުންފަހުން ޔާނާ ގުޅަން މަސައްކަތްކުރިޔަސް އަޒްމީންއާ ގުޅޭ ގޮތެއް ނުވެއެވެ. އެގޮތުގައި ދޮޅު އަހަރު އަޒްމީންގެ އިންތިޒާރުގައި ޔާނާ މަޑުކުރިއެވެ. ނަމަވެސް ފަހުން އެއްކޮށް ގުޅުން ކެނޑުނީއެވެ. ދެން ޔާނާއަށް އަޒްމީން ފެނުނީ ދާނިޝްއާ ކައިވެނިކުރިތާ ކުރީކޮޅުގައެވެ. އޭރު އެމީހުން އުޅުނީ ރަށުގައެވެ. އެއްދުވަހަކު އަޒްމީން ޔާނާއާ މަގުމަތިން ދިމާކޮށް، އޭނާއަށް އިންތިޒާރު ނުކުރީ ކީއްވެތޯ އަހާ އޮޅުން ފިލުވިއެވެ. އަދި ޔާނާ ހުރިހާ ވާހަކައެއް ކިޔައިދިނުމުން ދާނިޝް ކައިރިން ވަރިވެގެން އޭނާއާއާއެކު ދިއުމަށް އެދުނެވެ. ނަމަވެސް ޔާނާ އޭރު ލޯބިވަނީ ދާނިޝްދެކެ ކަމަށް ބުނުމުން އަޒްމީން އެކަމާ ވަރަށް ރުޅިގަދަވިއެވެ. އަދި އޭގެ ދެ ރޭ ފަހުން ދާނިޝްއާއެކު ޔާނާ މަގުމަތިން ހިނގާފައި ދަނިކޮށް އަޒްމީން އައިސް ވަޅިއަކުން ހަމަލާދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެވަގުތު އެތަނުގައި ތިބި ބަޔަކު އައިސް އެކަން ހުއްޓުވާ ފުލުހުންނަށް އެންގިއެވެ. އަދި އަޒްމީން ފުލުހުންނާ ހަވާލުކުރިއެވެ.

"އެނގޭތޯ މިހާރު އަޒްމީން ހުރީ މިނިވަންވެފައިކަން؟" ހުރިހާ ވާހަކައެއް ކިޔައިދިނުމުން، އެކި ހިސާބުން ލިބިފައިވާ މަޢުލޫމާތުތައް ގުޅުވަން ޒާހިދަށް ފަސޭހަވިއެވެ.

"ނޫން." ދާނިޝްއާއި ޔާނާ އެކުއެކީގައި ބުނެލިއެވެ.

"އޭނާ ވަނީ މީގެ އަހަރެއް ކުރިން މިނިވަންވެފައި. އަދި އޭނާ މަސައްކަތްކުރަނީ ކެންސަރު ރިސާރޗް ސެންޓަރުގައި ލެބޯޓްރީ ޓެކްނީޝަންއަކަށް." ޒާހިދު ހާމަކުރި މަޢުލޫމާތުން ޔާނާ އަދި ދާނިޝްވެސް ސިހުނެވެ.

"އެކަމަކު އަޒްމީންއަކީ ސްކޫލްގައި އުޅުނުއިރު ވަރަށް ލަދުރަކި، މަޑުމަޑުން ހުންނަ، ބަސްއަހާ ކުއްޖެއް. އަޅުގަނޑަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ. އެރޭ ހަމަލާދިނީވެސް އަޅުގަނޑު އޭނާދެކެ ލޯބި ނުވާ ވާހަކަ ބުނުމުން މާ ބޮޑަށް ދެރަވެގެން. ކޮންމެހެން ދާނިޝް މަރާލާކަށް ނޫން." އަޒްމީން މީހަކު މަރާލަން މަސައްކަތްކޮށްފާނެކަމަށް ގަބޫލުކުރަން ޔާނާއަށް ދަތިވިއެވެ.

"އަޅުގަނޑުމެން އަދި މިހާހިސާބުން މައްސަލަ ހައްލުވީކަމަކަށް ނުބަލަން. އަޒްމީންގެ ގެޔާއި ހުރިހާ ތަނެއް ފާސްކޮށް އޭނާއާ ސުވާލުކުރުމަށްފަހުގައި ނޫނީ ގޮތެއް ނުނިންމޭނެ." ޒާހިދު އޮޅުންފިލުވައިދިނެވެ.

އަޒްމީން ދިރިއުޅެނީ ހުޅުމާލޭގައި ހުންނަ ދެ ކޮޓަރީގެ އެޕާރޓްމެންޓެއްގައެވެ. އެތަނުގައި އިތުރު މީހަކު ނޫޅެއެވެ. ކޯރޓު އަމުރެއްގެ ދަށުން އެ އެޕާރޓްމެންޓް ބަލާ ފާސްކުރިއިރު ޑީ.އެމް.އެން އަޅާފައިހުރި ފުޅިއެއް ފެނުނެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އެއްވެސް ދެކޮޅުހެދުމެއް ނެތި ހުރިހާ ކަމަކަށް އަޒްމީން އިޢުތިރާފްވިއެވެ. އެއީ އޭނާ ބޭނުންވި ގޮތެވެ. ޔާނާއާއި ދާނިޝްގެ ދިރިއުޅުމަށް ވިހަލީ އޭނާކަން ބުނެދޭން އޭނާ ބޭނުންވިއެވެ. އެމީހުން އޭނާގެ ދިރިއުޅުމަށް ވިހަލީ ފަދައިންނެވެ. އަދި މީހަކަށް ދެރައެއް ދީފައި އެހެންމީހަކަށް އުފަލުގައި ނޫޅެވޭނެކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވިއެވެ. އެހެންކަމުން ސިއްރުކުރުމެއް ނެތި ކަންތައްކުރިގޮތް ވަރަށް ތަފްސީލުކޮށް އަޒްމީން ކިޔައިދިނެވެ.

ޔާނާ ލޯބިވަނީ ދާނިޝްދެކެކަމުގައި ބުނި ހިސާބުން އަޒްމީންގެ ހިތުގައި ޔާނާއާއި ދާނިޝްގެ އުފާވެރި ދިރިއުޅުމާމެދު ޙަސަދަވެރިކަން އުފެދި، ބަދަލު ހިފުމުގެ ރޫޙު ވަކިހިއްޕާލިއެވެ. އޭނާއަށް ދެރައެއްދީފައި އެމީހުންނަށް ވަކި އުފަލުގައި އުޅެވިގެން ނުވާނެކަމުގައި އޭނާ ދެކުނެވެ. އެގޮތުން ފުރަތަމަ ވަޅިން ހަމަލާދޭން އުޅެ އެކަން ކާމިޔާބު ނުވީއެވެ. އޭނާއަކީ ލެބޯރޓްރީ ސައިންސްގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އެހެންކަމުން ޖަލުން ސަލާމަތްވުމާއެކު ވަޒީފާއެއް ހޯދަމުން ދަނިކޮށް ކެންސަރު ރިސާރޗް ސެންޓަރުގައި ލެބޯޓްރީ ޓެކްނީޝަންއަކަށް ބޭނުންވެގެން އިޢުލާންކޮށްފައި އޮއްވާ ފެނުނެވެ. އަދި އެ މަޤާމަށް ކުރިމަތިލުމުން ވަޒީފާ ހަމަޖެހުނެވެ. އޭރުވެސް ޔާނާއާއި ދާނިޝްގެ ދިރިއުޅުން ހަލާކުކޮށްލުމުގެ ޚިޔާލު އޮތީ އޮތްގޮތަށެވެ. އެހެންކަމުން ޑީ.އެމް.އެން އާ ބެހޭ މަޢުލޫމާތު ލިބުމުން، އިތުރު ދިރާސާތައްކުރުމަށްފަހުގައި ރިސާރޗް ސެންޓަރުން އޭގެ ފުޅިއެއް ވަގަށް ނެގިއެވެ. ޔާނާމެން ދިރިއުޅޭ ގެއަށް އޭނާ ވަނީ އެއްރެއެއްގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި ކެމިކަލް އެއްކުރާނެ އެއްޗެއް ހޯދަމުން ދަނިކޮށް އައިސްއަލަމާރީގައި ހުރި ލުނބޯހުތު ފަނި ޖަގު ލޮލުގައި އަޅައިގަތެވެ. އެހިސާބުން ދެވަނަ ވިސްނުމަކަށް ނުގޮސް އޭގެ ތެރެއަށް ކެމިކަލްފުޅި އޮއްސާލިއެވެ. އަންގިލައްވާފައި ހުރުމުން އެތަނަށް ވަތްކަމުގެ އެއްވެސް ނިޝާނެއް ނުހުންނާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އަޒްމީން ހައްޔަރުކޮށްގެން ގެންދިޔައިރު އޭނާގެ މޫނުމަތިން ހިތާމައިގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ތުންފަތުގައި ހުރީ ފަތަޙައިގެ ހިނިތުންވުމެކެވެ. 

މައްސަލަ ހައްލުވެ، އަޒްމީން ހައްޔަރު ކުރެވުނު ނަމަވެސް ދަރިފުޅު ވަކިވެދިއުމުގެ ހިތާމައާއިއެކު، ދާނިޝްއާއި އޭނާގެ މައިންބަފައިންގެ ހަށިގަނޑު ތެރެއަށް ޑީ.އެމް.އެން އެތެރެވެފައިވާތީ، ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކެންސަރު ޖެހިދާނެކަމުގެ ބިރު ދާނިޝްގެ ހިތުގައި ބޮޑުވާންފެށިއެވެ. އެކަންކަމާއިމެދު ވިސްނި ވަރަކަށް އޭނާގެ ފިކުރުތައް ދިޔައީ އިތުރުވަމުންނެވެ. ރޭގަނޑު ނިންޖާ ދުރުވެ، ކެއިން ބުއިން މަތިންވެސް ފޫހިވާންފެށިއެވެ. އެންމެފަހުން އެކަން ބޮޑު ނަފްސާނީ ބައްޔަކަށްވެ، ގެއިން ނުނިކުމެ އެކަހެރިވެގެން އޮންނަންފެށިއެވެ. އޭގެ ސަބަބުން މާގިނަ ދުވަހެއްނުވެ ވަޒީފާވެސް ގެއްލުނެވެ. ދާނިޝްއަށް ވިސްނައިދެވޭތޯ ޔާނާ ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތްކުރިއެވެ. ނަމަވެސް ދާނިޝްހުރީ އެއަށްވުރެ މާބޮޑަށް ޑިޕްރެޝަންގެ ޝިކާރައަކަށްވެފައެވެ. އެންމެފަހުން ޔާނާވެސް ދިރިއުޅުން ބޭކާރުކުރަން ބޭނުންނުވާތީ ދާނިޝް ކައިރިން ވަރިވެގެން ދިޔައީއެވެ. 

އެ ހާދިސާއަށް ދެއަހަރު ފާއިތުވީފަހުން ދާނިޝްގެ މުސްކުޅި މަންމައާއި ބައްޕަ ކެންސަރު ބަލީގެ ޝިކާރައަކަށްވެ، އެތައް ވޭނެއް ތަޙައްމަލްކުރުމަށްފަހުގައި މި ދުނިޔެއާއި ވަކިވިޔެވެ. އެކަން ވެގެން ދިޔައީ އަނެއްކާ ދާނިޝްއަށް އިތުރު ހިތާމައެއް ލިބުނު ކަމަކަށެވެ. 

މިހާރު ދާނިޝް ދިރިއުޅެމުންދަނީ އެކަނިމާއެކަންޏެވެ. އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންނުވާކަމުގައި އޭނާ ތަކުރާރުކޮށް ބުނަމުން ދެއެވެ. އޭނާ އެ ހުންނަނީ މަރުގެ އިންތިޒާރުގައެވެ. ކޮންމެ ދުވަހަކުވެސް ބަލިވެދާނެއޭ ހިތަށް އަރައަރައެވެ. ދާނިޝް ކައިރިން ވަރިވެގެންގޮސް ޔާނާ މިހާރު އުޅެނީ އެހެން މީހަކާ އިނދެގެންނެވެ. އޭނާގެ ދެ ދަރިންވެސް އެބަތިއްބެވެ. ނަމަވެސް އަދިވެސް އަޒްމީން އައިސް އޭނާގެ ދިރިއުޅުން ހަލާކުކޮށްލަން އުޅެފާނެކަމުގެ ބިރު ހިތުގައި އޮވެއެވެ. އަދި ޒީނާވެސް އެހެންމީހާކާ އިނދެގެން ދިރިއުޅެމުންދަނީ ހަމަޖެހޭ ދިރިއުޅުމެކެވެ. 

ޙަސަދަވެރިކަމަކީ އަޖައިބެއްކަހަލަ ކަމެކެވެ. އެއީ ބޮޑު ބަލިމަޑުކަމެކެވެ. ހިތުގައި އެކަން އަށަގަނެއްޖެނަމަ ހިތް ފާސިދުކޮށްލައެވެ. އަދި ހަމައެހެންމެ އެކަމުގެ ޝިކާރައަކަށް ވެއްޖެނަމަ ތިމާގެ ހަމަ ބުއްދިވެސް ފިލާ ގޮސްދާނެއެވެ. އޭގެ ސަބަބުން އަތުން ފައިން ކޮންމެފަދަ ގޯހެއްވެސް ހެދުމަކީ އެކަށީގެންވާކަމެކެވެ. އަޒްމީން ކުރި ކަމެއްގެ ސަބަބުން ހަލާކުވެގެން އެދިޔައީ އުފާވެރި ޢާއިލާއެކެވެ. ކުށެއް ނެތް އެތައް ފުރާނައެއް ނެތި ދިޔައީއެވެ. ދާނިޝްއަކީވެސް ދިރިހުރި ނަމަވެސް ދުނިޔޭގައި ނެތް މީހެކޭ އެއްފަދައެވެ. އެ ޙާދިސާއާ ގުޅުންހުރި އެހެންމީހުންނަށްވެސް އެކަން ހަނދާން ނައްތާލުމަކީ ނުވާނެކަމެކެވެ. މިއީ އެންމެންވެސް ވިސްނާލަންޖެހޭ ކަމެކެވެ. ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި އަބަދުވެސް ﷲގެ ޙަޟްރަތުގައި ދުޢާކުރަންޖެހެނީ މިހެންވެއެވެ.  

(ނިމުނީ)

މިލިޔުން ކިޔާލުމުން
131
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ikaaan

    Yaana ekamk dhaanish dhookohlan veytha!? ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ