ޔަމަނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެއްބާރުލުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔަމަނުގައި ދިމާވެފައިވާ ހިއުމެނިޓޭރިއަން ކްރައިސިސް އިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ވާކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައިވާ ކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަނުގައި ސުލްހަ ޤާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ވިދާޅުވެފައި ވާކަމަށާއި ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައި ވެއެވެ.
ޔަމަނުގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ޙާލަތެއްގައިވެސް އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއަރޒް އާއި ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި އިމަރޖަންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކް އެވެ.
އަސާސީ ޚިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.