ހަލުވި ހިނގުމެއްގައި ގޮސް އެކުއްޖާ ހުއްޓުނީ އައި މަގުމަތީގައި މަޑުކުރި ވީރާނާވެފައިވާ ގޭގެ ދޮރުމަތީގައެވެ. އެއަށްފަހު ލޮލުގައި އަޅާފައިވާ އަވި އައިނު ނެގިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ. ރަނގަޅަށް އެ ކުއްޖާގެ މޫނު ކަތީބަށް ފެނުނީ އެވަގުތުއެވެ. ބޭއިޚްތިޔާރުގައި ކަތީބަށްވެސް ރޮވުނެވެ. ކުއްލިއަކަށް ކަތީބު އަންހެން ކުއްޖާ ކައިރިއަށް ޖެހިލައި އަތުގައި ހިފާލިއެވެ.
"ދަރިފުޅާ! އަހަންނަށް މަޢާފުކުރޭ!" ކަތީބުގެ އެ ޢަމަލުން އަނެއްކާވެސް އެއްވެފައި ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ.
ނަމަވެސް އެ އަންހެންކުއްޖާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. އިސްޖަހައިގެން ހުރުމުން އެކުއްޖާގެ މޫނު ރަނގަޅަށް ނުފެންނާތީ ކުޑަކޮށް ތިރިވެލާފައި އަނެއްކާ ކަތީބު މަޢާފަށްއެދެންފެށިއެވެ.
"ބަލްޤިޝް! ބޮޑުބެއަށް މަޢާފުކޮށްދީ!" އާދޭހާއެކު އަޑަށް ބާރުލާފައި ކަތީބު ބުންޏެވެ. ހިމޭންކޮށް އޮތް މާޙައުލުގައި އެވަގުތު ހީވީ ކުއްލިއަކަށް އަލިފާން ރޯކޮށްލިހެންނެވެ. މީހުންގެ އަޑުގަދަވިއެވެ. އެންމެންގެ ދުލު ކުރީގައިވީ "ބަލްޤިޝް"ގެ ނަމެވެ. އެއްބަޔަކު ތިބީ ހައިރާންވެގެން އަނގަމަތީގައި އަތް އަޅައިގެންނެވެ.
---------------------------------------------------------------------------------------------------------------------
އެއީ މީގެ 15 އަހަރު ކުރިއެވެ. އާދައިގެމަތިން ސްކޫލް ނިންމާފައި ބަލްޤިޝް އައީ އަވަށްޓެރި އާޒިމާއާއެކުއެވެ. އޭރު އެކުދިން އުޅުނީ ގްރޭޑް 7 ގައެވެ. ބަލްޤިޝްއަކީ ތޫނުފިލި ކުއްޖެއްކަމުން އަބަދުވެސް މުޅި ގްރޭޑުން އެއްވަނަ ގެނެއެވެ. ކިޔަވަން ހުންނަ ޝައުޤެއްގެ ބޮޑުކަން ފާހަގަކުރެވިފައިވާތީ، އެ އަހަރު ނިމުމުން ބަލްޤިޝް މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ކައިރި ރަށަކަށް ފޮނުވުމަށް ބައްޕަ ވަނީ މާކުރިން ނިންމާފައެވެ. އެހެންކަމުން ކިޔަވައިގެން މޮޅު މީހަކަށްވެ، ރަށަށް ފައިދާހުރި ދަރިއަކަށްވުމަކީ އަބަދުވެސް ބަލްޤިޝް ދެކެމުން އައި ހުވަފެނެކެވެ.
ބަލްޤިޝްގެ ޢާއިލާގައި ތިބެނީ މަންމަ ބަދޫރާއާއި، ބައްޕަ އަޙްމަދުގެ އިތުރުން ބަލްޤިޝްއާއި، ކޮއްކޮ ބައްސާމެވެ. އަޙްމަދަކީ ވަޑާންކުރާ މީހެކެވެ. ބަދޫރާއާ އަޙްމަދު ދިމާވީ ދޯންޏެއް ބަންނަން ބަދޫރާގެ ރަށަށް އަޙްމަދު ގޮސް އުޅުނު ދަތުރެއްގައެވެ. ދެމީހުން އެކަކު އަނެކަކަށް ހިތާވެ، ކައިވެންޏާ ހަމައަށް ދާން ނިންމީ ދެން ވަކި ނުވެވޭނެ ހިސާބަށް ދިއުމުންނެވެ. ނަމަވެސް އެ ގުޅުމާމެދު ބަދޫރާގެ ޢާއިލާއިން ފާޅުގައި އިންކާރުކުރިއެވެ. ސަބަބަކަށް އެމީހުން ދެއްކީ އަޙްމަދަކީ އެހެން ރަށެއްގެ މީހަކަށްވެފައި މާބޮޑު އާމްދަނީއެއް ނުލިބުމެވެ. ބަދޫރާގެ ޢާއިލާއަކީ ރަށުގެ ނިސްބަތުން ވަރަށް ފުދިގެން އުޅޭ ބަޔެކެވެ. ބަދޫރާ ގޮތް ދޫ ނުކުރުމުން، އެންމެފަހުން އެއީ ނެތް މީހެއްކަމަށް ނިންމާފައި ބަދޫރާގެ ބައްޕަ ވަލީ ދިނެވެ. އިތުރަށް ބަދުނާމްވެދާނެތީއެވެ. އަދި އޭގެ ފަހުން އެމީހުންގެ މޫނު ދެކެންވެސް އައިސްގެން ނުވާނެކަމުގައި އެންގިއެވެ. ކައިވެންޏަށްފަހު ބަދޫރާގެ ދިރިއުޅުން ބަދަލުކުރީ އަޙްމަދުގެ ރަށްކަމުގައިވާ ހއ. ހިޔަދޫއަށެވެ. އުފާވެރި ޙަޔާތަކަށް އުންމީދުކޮށްގެން ބަދޫރާ ދިޔަ ނަމަވެސް އަޙްމަދުގެ ޢާއިލާއިންވެސް އެމީހުންނަށް މަރުޙަބާއެއް ނުކިޔެވެ. ގެއިންވެސް އެމީހުންނަށް ޖާގައެއް ނުދިނެވެ. އޭރު ގިނަ މީހުން ދެކޭގޮތުގައި ރަށު މީހުން އިންނަންޖެހޭނީ ރަށު މީހުންނާއެވެ.
އަޙްމަދުގެ ޢާއިލާއަކީ ރަށުގައި ކަމުވޮށިގެންވާ ޢާއިލާއެކެވެ. އަޙްމަދުގެ މަންމައާއި ބައްޕަ ނިޔާވިއިރު ދުނިޔޭގައި ތިބީ އަޙްމަދާއި އޭނާގެ ބޭބެ އާދަމްއެވެ. އާދަމްއަކީ ރަށު ކަތީބެވެ. އެމީހުން އޭރު އުޅެމުން ދިޔައީ ބައްޕަގެ ގޯތި ހަދައިގެން އެގޭގައެވެ. ބައްޕަ ނިޔާވުމުގެ ކުރިން އާދަމްވަނީ އެ ގެ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައެވެ. އަޙްމަދަކީ އެއް އިރެއްގައިވެސް ކަންތައްތަކާ ދެބަސްވެ އަރައިރުންވާ މީހެއްނޫނެވެ. އެހެންކަމުން އާދަމް ގެއަށް ނުވެއްދުމުން ބަދޫރާ ގޮވައިގެން ބަދަލުވީ އެމީހުންގެ މަންމަގެ ނުހަދާ ހުރި ގޯތި ކުޑަގޮތަކަށް ހަދާލައިގެން އެގެއަށެވެ. މާބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ބަދޫރާއަކީ ގެވެހި އަންހެނެއްކަމުން ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ޖައްސާލައިގެން އުޅެވޭތޯ ބަލައެވެ.
ފުރަތަމަ ދަރިފުޅު ބަލްޤިޝް ލިބުނީ ކައިވެންޏަށް އެއް އަހަރުވާން ކައިރިވެފައި ހުއްޓައެވެ. އަދި ދެވަނަ ދަރިފުޅު ބައްސާމް ލިބުނީ އޭގެ ދެއަހަރު ފަހުންނެވެ. ކަން ދިމާކުރިގޮތުން ބައްސާމް ވީ ތެލަސީމިޔާ ކުއްޖަކަށެވެ. ރަށުގައި ލޭއެޅޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާތީ، ލޭ އަޅަން ދާންޖެހެނީ އަތޮޅުގެ ވެރިކަންކުރާ ރަށަށެވެ. ކޮންމެ ފަހަރަކު ދާންޖެހެނީ ދޯންޏެއް ކުއްޔަށް ހިފައިގެންނެވެ. އެހެންކަމުން އަޙްމަދަށް ލިބޭ މަދު ފައިސާކޮޅުން ގިނަ ފަހަރު ދެކޮޅު ނުޖެހޭގޮތް ވާންފެށިއެވެ. ދެކުދިން ބޮޑުވަމުން އައީ ބޭނުންތައް އެންމެ ރަނގަޅަށް ނުފުދިއެވެ. ގޭގެ ކެއުމާއި، ސްކޫލަށް ބޭނުންވާ ފޮތް ފަންސޫރުފަދަ ތަކެތި ގަނެފައި، އިތުރަށް ޔުނީފޯމާއި ބޫޓު ގަންނަން ފައިސާއެއް ނުހުރެއެވެ. ނަމަވެސް އަޙްމަދުގެ ރަޙްމަތްތެރިއެއްގެ އެހީގައި އެގޭ ކުދިން އެއް އަހަރު ލާފައި ބައުވާ ޔުނީފޯމް އަދި ބޫޓުފަދަ ބައެއް ތަކެތި އެކުދިންނަށް ހަދިޔާކުރެއެވެ. އެވަރުވާކަމަށްޓަކައި ވެސް އަޙްމަދާއި ބަދޫރާ ޝުކުރުވެރިވެއެވެ.
އޮލަ ވާހަކައެއްގައި ތިބެގެން ގެ ހުންނަ މަގަށް އެޅިއިރު މަގުމަތީގައި އާދަޔާ ޚިލާފަށް މީހުން ގިނަކަން ބަލްޤިޝްމެންނަށް ފާހަގަކުރެވުނެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭނގޭތީ ބަލްޤިޝްއާއި އާޒިމާ ހިނގުން އަވަސްކޮށްލިއެވެ. ގެޔާއި ކައިރިވި ވަރަކަށް މީހުން އެއްވެގެން އުޅެނީ ބަލްޤިޝްގެ ގޭގައިކަން އެނގުނެވެ. އެކަން އެނގުމާއެކު ބަލްޤިޝް ދުވެފައި ގެއަށް ވަނެވެ. އޭރު މައިގޭގައި ހުރި ބޮޑު އަށީގައި ބައްޕަ ބާއްވާފައި އޮތެވެ. ބައްޕަގެ ލޯ ވަނީ މެރިފައެވެ. ކައިރީގައި މަންމައާއި ކޮއްކޮ ރޮވިފައި ތިއްބެވެ. ބަލްޤިޝް ފެނުމާއެކު ބަދޫރާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ.
"ދަރިފުޅާ! ބައްޕައެއް ނެތް!" ބަލްޤިޝްގެ ގައިގައި އޮޅުލައިގަނެފައި ބަދޫރާ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ބަލްޤިޝް ހުރީ އެކަން ޤަބޫލުކުރަން ދަތިވެފައެވެ. އޭނާއަށް ރޯންވެސް ނޭންގުނެވެ. އެވަގުތު އެތާ ހުރި ކައިރި އަވަށްޓެރިއަކު އައިސް ބަދޫރާއަށް ވިސްނައިދީ ހިތްވަރުދެވޭތޯ މަސައްކަތްކުރަންފެށިއެވެ.
އަޙްމަދަށް ސްޓްރޯކެއް ޖެހިގެން މަރުވީ ކުއްލިއަކަށެވެ. ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ގެއިން ނެރެގެން ގެންދިޔައީ ބަލްޤިޝްގެ ލޯ ކުރިމަތީގައެވެ. ނަމަވެސް އެވަގުތުވެސް އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުފައިބައެވެ. މަންމައާއި ކޮއްކޮ ރޮއިރޮއިފައި އުޅުނު އިރުވެސް ބަލްޤިޝް ހުރީ ގަބުއަރައިފައެވެ. ކަށުކަމާކެމީގެ ކަންތައް ނިމުނުއިރުވެސް އަޙްމަދުގެ އެއްބަނޑު އެއްބަފާ ބޭބެގެ ޚަބަރެއް ނުވެއެވެ. ދެތިން ފަހަރަކު އޭނާ ބަލައި އެ ގެއަށް މީހުންވެސް ފޮނުވިޔެވެ. ނަމަވެސް މައްޔިތާގެ މައްޗަށް އަދާކުރަންޖެހޭ އެންމެ ފަހު ވާޖިބު އަދާކުރުމުގައިވެސް އޭނާ ބައިވެރިއެއް ނުވެއެވެ.
ބަލްޤިޝްގެ ލޮލުން ކަރުނަ ފައިބަންފެށީ އެންމެން ގެއިން ހުސްވެ ގޭތެރެ މައިތިރިވުމުންނެވެ. ނަމަވެސް އޭނާ އެ ކަރުނަތައް މަންމައަށާއި ކޮއްކޮއަށް ވަންހަނާ ކުރިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދެން ޢާއިލާއަށް ވާނެ ގޮތަކާމެދުގައެވެ. އޭރު ބަލްޤިޝްގެ އުމުރުން އެންމެ 14 އަހަރެވެ. ކޮއްކޮއަކީ ބަލި ކުއްޖެކެވެ. މަންމައަކީ ގައިބާރުދެރަވެފައިވާ މީހެކެވެ. ޙާލުގައިޖެހިގެންވިޔަސް ކުރިމައްޗަށް ނައުމަށް މަންމަ ފަރާތު ޢާއިލާއިން ވަނީ އަންގާފައެވެ. ދެން ހުރީ ބައްޕަގެ ޢާއިލާއިން ބޮޑުބޭބެއެވެ. އޭނާ އެ ޢާއިލާދެކެ ރުޅި އަންނަނީ ކޮން ސަބަބަކާހުރެކަމެއް ވެސް ނޭނގެއެވެ. ބަލްޤިޝް ކުރިމަގަށްޓަކައި ދެކެމުން އައީ ފޮނި ހުވަފެންތަކެކެވެ. ނަމަވެސް ދެން އެ ހުވަފެންތަކުގައި ކުލަ ޖެއްސިދާނެކަމާމެދު ޝައްކެވެ.
ޖެހިގެންއައި ދުވަހު ހެނދުނު ބަލްޤިޝްއަށް ހޭލެވުނީ ގޯތިތެރޭގައި އަޑުގަދަވެގެންނެވެ. އޭރު ފިރިހެނަކު ވަރަށް ބާރަށް ވާހަކަދައްކާ އަޑު އިވެއެވެ. އެހެންކަމުން ވަނީ ކީއްތޯ ބެލުމަށްޓަކައި ބަލްޤިޝް އަވަހަށް ގޯތިތެރެއަށް ނުކުތެވެ.
"ކަލޭތީ ހާދަ ސުންޕާ އަންހެނެކޭ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން އަހަންމަދު ކައިރީ ބުނިން ކަލޭ ދޫކޮށްލާށޭ. މިހާރު އޭގެ ހިތި އޭނައަށް އެ ފެނުނީ. ޒުވާން އުމުރުގައި މަރުވެގެން އެދިޔައީ. ކުޑަ ސޮރަށްވެސް ޖެހިފަ އެހުރީ ހަމަ ކަލޭގެ ސުންޕާކަން." އަތް އުކަ އުކާފައި އާދަމް ބަދޫރާއާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވަމުން ދިޔައެވެ. އޭރު ބަދޫރާހުރީ އިސްދަށަށް ޖަހައިގެން އާދަމް ކިޔާ އެއްޗެހި އަޑު އަހާށެވެ.
"ކަލޭމެންނަށް ދުވަހަކު ރަނގަޅުގޮތެއް ނުފެންނާނެ. އަހަންނަށް ވެގެންވަންޏާ މިރަށުންވެސް ކަލޭމެން ބޭރުކޮށްލާނަން." ހިތް ފުރޭވަރަށް އެއްޗެހި ގޮވުމުން އާދަމް ނުކުމެގެން ދިޔައެވެ. ބަދޫރާ ގޭތެރެއަށް ވަންނަން އެނބުރިލީއިރު ކުރިމަތީގައި ދެ ދަރިން ފެންކަޅިވެފައި ބަލަން ތިބިތަން ފެނުނެވެ. އެވަގުތު އޭނާ އިތުރަށް ބަލިކަށިވާގޮތްވިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބަންފެށިއެވެ.
އެދުވަހު ބަދޫރާގެ އަރުތެރެއިން އެންމެ ކާއެއްޗެއްވެސް އެތެރެވާގޮތެއް ނުވިއެވެ. ދެދަރިންނަށްޓަކައި ހިތްވަރުކޮށްލާފައި ތެދުވެ ގޭތެރޭގެ ކަންތައްތަކުގައި މަސްޢޫލުވެގެން އުޅުނެވެ. ނަމަވެސް ކެތްކޮށްލެވުނީ ވަކިވަރަކަށެވެ. މެންދުރު ފަސްއަތަށް އަޅައިލިތަނާ އޭނާގެ މޫނު މައްޗަށް އަނދިރިވެގެން ވެއްޓުނެވެ.
(ނުނިމޭ)




ހިޔާލު
Varah reethi ekamak thankolheh kuree mi part