ބ.އަތޮޅު އޭދަފުށީގައި ހުންނަ ފެނަކަ އޮފީހުގެ ތިން މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކޮށްފިއެވެ.
"ފެށުމަށް" އެނގިފައިވާ ގޮތުގައި އޭދަފުށީ ބްރާންޗުގެ ތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ މިމަހުގެ 8 ވީ ބުދަ ދުވަހުއެވެ.
އެމީހުން ވަޒީފާ އިން ވަކިކޮށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، ވަޒީފާ އިން ވަކިކޮށްފައި ވަނީވަޒީފާއަށް "ފަރުވާ ކުޑަކުރުމުގެ ސަބަބުން ބްރާންޗް ހިންގުމަށް ދަތިވާތީ" ކަމަށެވެ.
އެނގިފައިވާ ގޮތުގައި ވަޒީފާ އިން ވަކިކުރި ތިން މުވައްޒަފުންގެ އާއިލާ މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރަށް ތާއިދު ކުރި ބައެކެވެ.
އޭދަފުށީ ބްރާންޗުން ތިން މުވައްޒަފުން ވަކިކުރިއިރު، ފެނަކަ ކޯޕަރޭޝަނުގެ ހއ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން އެކުގައި މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ހދ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފެނަަކައިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ތެރޭގައިވެސް އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާކަމުގެ އަޑުތައް ފެތުރި ބައެއް ކޯލްތަކުގެ ރެކޯޑިންގ ވެސް ވަނީ އާއްމުވެފައެވެ.
ވަޒީފާގެ ބިރެއް ނެތި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ވައުދެކެވެ.