ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލު ކޮށްފައިވަނީ އެ ކޯޓުން މިއަދު ފުރަތަމަ ފަހަރަށް އޮންލައިންކޮށް ބޭއްވި ޝަރީއަތުގައެވެ.
1 ފެބްރުއަރީގެ ސްޕްރީމް ކޯޓުގެ އަމުރަށް ފަހު ފުލުހަށް ހާޒިރުވާން އެންގުމުން، ފުލުހަށް ހާޒިރު ނުވެ ފިއްލަވައިގެން އުޅުއްވި ކަމަށް ބުނެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އިއްވި ހުކުމް ވަނީ ތަންފީޒު ކޮށް ނިމިފައެވެ.
ހައި ކޯޓުން މިއަދު ކުރި ހުުކުމްގައި ބުނެފައިވަނީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކޮށްފައިވިޔަސް، އޭނާ ހޯދަން އިއުލާން ކުރި ކަމެއް ފުލުހުން ބުނެފައި ނުވާ ކަމަށެވެ. އަދި ފުލުހުން އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވީ ނަމަވެސް އޭނަ ހޯދަން އިއުލާން ނުކުރާހާ ހިނދަކު، ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވެން ނޯންނާނެ ކަމަށް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށް ނިންމާފައެވެ.
ފުލުހުން ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ.




