މެންބަރު ޝިޔާމް މަޖިލީހުން ބޭރު ކުރުމުގެ ތެރެއިން - ފޮޓޯ: ސަން

ޝިޔާމް މައްސަލައިގެ ތަޙްޤީޤް ވީހާވެސް ގާތުން ބެއްލެވުމަށް ޕީޖީ އަށް ދަންނަވައިފި

ނައިފަރު ދާއިރާގެ މެންބަރު އަދި ޕިޕީއެމް ގެ ނައިބު ރައީސް އަޙްމަދު ޝިޔާމްއާއި މެދު ރައްޔިތުންގެ މަޖިލިސް ތެރޭގައި ކަންތައްތައް ކޮށްފައިވާ ގޮތުގެ ތަޙްޤީޤު ކުރިޔަށްދާގޮތް ވީހާވެސް ގާތުން ބެއްލުވުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އަށް ދަންނަވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސޮއި ކުރައްވައި ޕީޖީ ޝަމީމް އަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި، 02 ޖޫން 2020 ވަނަ ދުވަހުގެ މެންދަމު 01:30 ގައި ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޤަވާއިދާއި ޚިލާފުވެ އަދި އެމަނިކުފާނުގެ އެންގެވުމަށް، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް އަނިޔާކޮށް، މާރާމާރީ ހިންގައިފައިވާކަމަށެވެ.

އެ އަނިޔާވެރި ޢަމަލު ހިންގުމަށް އެންގެވި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ ޢަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ތަޙްޤީޤްކޮށް، ދަޢުވާކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށްދެއްވުމަށް، އެކޯލިޝަނުން އެދިފައިވާނެ ކަމުގައި މި ސިޓީގައި ވަނީ ބަޔާން ކުރައްވާފައެވެ.

މީގެ އިތުރުން އެމައްސަލައިގެ ޖިނާއީ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފަށްޓަވާފައިވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިއަށް ގެންދަވާ ތަޙްޤީޤަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަޙްޤީޤެއްކަން ކަށަވަރުކުރުމުގެ ގޮތުން ޕީޖީ ޝަމީމް އެ ތަޙްޤީޤުގެ ކަންތައްތައް ކުރިއަށްދާ ގޮތް ވީހާވެސް ގާތުން ބައްލަވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ