ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް އުފައްދާ ގްރޫޕް ރަސްމީކޮށް އިފްތިތާޙް ކޮށްފި

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އދގެ މެމްބަރު ބައެއް ޤައުމުތަކުން ގުޅިގެން އުފައްދާ ގްރޫޕް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ގްރޫޕް އިފްތިތާޙްކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު އާއި، ނޯވޭގެ ބޮޑުވަޒީރު އާނަރ ސޮލްބަރގް އަދި އެންޓީގާ އެންޑް ބާބިއުޑާގެ ބްލޫ އިކޮނޮމީ މިނިސްޓަރ ޑީން ޖޯނަސްއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ދިމާކޮށް ކަނޑުތައް ޕްލާސްޓިކް ކުނީގެ ބާވަތްތަކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ގްރޫޕް އިފްތިތާޙްކޮށްފައިވަނީ ކަނޑުތައް ތަޣައްޔަރުވުމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ކުރިމަތިލުމުގެ މުހިއްމުކަން ފާހަގަކުރުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކަނޑުތަކަކީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ލެއާ ގުޅިފައިވާ ތަނެއްކަމަށެވެ. އަދި އައްސޭރިފަށްތަކުގައި ދިރިއުޅެމުންދާ މީހުންގެ ދެމެހެއްޓެނިވި ތަރައްޤީ ގުޅިފައިވަނީ ކަނޑުރޯދި އާކަން ފާހަގަކުރައްވާ، ކަނޑުތަކަށް ކުނި އެޅުމުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވެ، އޭގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރުމަށް އަވަސް މުސްތަގުބަލެއްގައި ގައުމުތައް ގުޅިގެން އެކަށީގެންވާ ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށާއި، ރާއްޖޭގެ ކަނޑުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެވަޑައިގެންފައިވާ ވައުދު ފާހަގަކުރައްވައި، ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އުފެއްދި ގްރޫޕް އޮފް ފްރެންޑްސްގައި އިސްކޮށް މަސައްކަތްކުރަނީ ދިވެހިރާއްޖެއާއި ނޯވޭގެ އިތުރުން އެންޓީގާ އެންޑް ބާރބިއުޑާއެވެ. އދގެ މެމްބަރު 46 ޤައުމުތަކުން މިހާރު ވަނީ މި ގްރޫޕްގެ މެމްބަރުންނަށް ވެފައެވެ.

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް އުފައްދާ ގްރޫޕް ރަސްމީކޮށް އިފްތިތާޙް ކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ