ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިސިލްފަރުން މައްސަލަ ހުށަހަޅާފައި ވަނީ މިއަހަރު ހައްޖަށް މީހުން ގެންދިޔުމުގައި މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
ސިސިލްފަރުން ބުނީ، ބިޑް އުސޫލުން އެކަން ކުރަން ހުޅުވާލި އިރު، އޮތް ކްރައިޓީރިއާއަށް ފަހުން ބަދަލު ގެނެސް، އިންސާފުން ބޭރުން ބައެއް ގްރޫޕްތަކަށް ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކަމަށާއި، މިނިސްޓްރީން އިވަލުއޭޝަންގައި އޮޅުވާލުންތަކެއް އޮޅުވާލި ކަމުގެ އެންމެ ބޮޑު ހެއްކަކީ ސިސިލްފަރުން 35 އަހަރު ހައްޖަށް ގެންދިޔަ ކަމުގެ ޑޮކިއުމަންޓްތައްވެސް ހުށަހަޅާފައި ވަނިކޮށް، ތަޖުރިބާއަށް ލިބެން ޖެހޭ ފަސް މާކުހުގެ ތެރެއިން އެ ކުންފުންޏަށް 0.7 މާކުސް ލިބުން ކަމަށެވެ.
މީގެ އިތުރުން މިފަހަރުވެސް ހައްޖުވެރިންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާނެ މީހުންވެސް އެ ގްރޫޕްގައި ތިބި ކަމަށް ސިސިލްފަރުން ބުނެފައިވެއެވެ.
ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:
1- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ – 69965ރ
2- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް – 72550ރ
3- މިނާ ޙައްޖު އެންޑް ޢުމްރާ – 69965ރ
4- ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް – 70000ރ
5- އެކްރޯ ޕްރައިވެޓް ލިމިޓެޑް – 59965ރ
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މި ފަސް ކުންފުންޏަށް ދީފައި ވަނީ ޕްރޮޕޯސަލް ހުށަހެށި 18 ކުންފުނީގެ ތެރެއިން 12 ކުންފުންޏެއްގެ ޕްރޮޕޯސަލް ފަސް މެންބަރުންގެ ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި މީގެ އިތުރުން މުހިއްމު ލިޔެކިއުންތައް ނެތުމުގެ އިތުރުން އެހެނިހެން މައްސަލަތަކާ ގުޅިގެން ހަ ޕްރޮޕޯސަލެއް، ޑިސްކޮލިފައިކޮށްފައިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އެވަލުއޭޝަން ކޮމިޓީގައި ހައްޖަށް މީހުންގެ ގެންދިޔުމަށް ހުއްދަ ލިބުނު ކުންފުނިތަކުގެ މަސްލަހަތު ފުށުއަރާ ބަޔަކު ތިބި ކަމަށާއި، ސިސިލްފަރު ގްރޫޕުން މީހުން ހައްޖަށް ގެންދިޔުމުގައި މީގެ ކުރިންވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
ސިސިލްފަރުން ބުނެފައި ވަނީ ކޯޓަށް ވެއްދި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.



