"ހިޔާ" މަޝްރޫއުގެ ފްލެޓެއް - ފޮޓޯ: އަވަސް

ހިޔާ މަޝްރޫޢުގެ ފްލެޓްތައް އޭގެ ޙައްޤުވެރިން ޙަވާލުކުރުމަށް އިދިކޮޅުން ގޮވާލައިފި

ދޮގު ވާހަކަ ފެތުރުން ހުއްޓާލައި ހިޔާ މަޝްރޫޢުގެ ފްލެޓްތައް އޭގެ ޙައްޤުވެރިން ޙަވާލުކުރުމަށް އިދިކޮޅުން ކޯލިޝަންއިން ސަރުކާރަށް ގޮވާލައިފިއެވެ.

އެކޯލިޝަންއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ހިޔާ ޕްރޮޖެކްޓްގެ ދަށުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުﷲ ޤައްޔޫމް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 7000 ފްލެޓާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ އިސްވެރިން އަދި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ތަކުރާރުކޮށް ދޮގު ހައްދަވާ ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް
ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި، އެ ފްލެޓްތަކުގެ ޙައްޤުވެރިންނާއި އެފްލެޓްތައް ލަސް ނުކުރައްވާ ޙަވާލު ކުރެއްވުމަށާއި، ފްލެޓްތަކުގެ އަގުގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ނިންމަވާފައިވާ އަގަށްވުރެ ބޮޑު ނުކުރުމަށްވެސް ގޮވާލާކަމަށެވެ.

އަދި ހިޔާ ޕްރޮޖެކްޓްގެ ދަށުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުﷲ ޤައްޔޫމް ބިނާ ކުރައްވާފައިވާ ފްލެޓް ތަކަކީ ދިވެހި ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ބޭނުމުގައި އިމާރާތްކުރެވިފައިވާ ފްލެޓްތަކެއްކަމަށާއި، އެއީ އެތައް ރައްޔިތުންނަކަށް ހިތްހަމަޖެހުން ގެނުވައިދެވުނު މަޝްރޫއެއްކަމަށްވެސް އިދިކޮޅުން ވިދާޅުވިއެވެ.

އިދިކޮޅުން ވިދާޅުވި ގޮތުގައި މާލެއާއި ހުޅުމާލޭގައި ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދާ ފްލެޓްތަކާއި ކޮޓަރިތަކަށްވުރެ ހިޔާ ޕްރޮޖެކްޓްގެ ދަށުން ބިނާކުރެވުނު ފްލެޓްތައް އަދި ކޮޓަރިތައްވެސް ކުޑައެއް ނުވާނެއެވެ.

"ފްލެޓްތަކުގައި ދޮރާއި ޓައިލްސް ނުހުންނާނެކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީވެސް ދޮގު ވާހަކަތަކެކެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެކޯލިޝަނުން ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން
ހަމަޖައްސަވާފައިވާ ގޮތަށް މަހަކު -/5000 ރުފިޔާ އަށް އެކޯލިޝަންގެ ވެރިކަމެއްގައި އޭގެ ޙައްޤުވެރިންނަށް އެ ފްލެޓްތައް ދޫކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށާއި، ރައްޔިތުން އަތުން އިތުރަށް ނަގާ ފައިސާވެސް މަޢާފްކޮށްދޭނެކަމަށެވެ.

އަދި އެފްލެޓްތަކާއި ގުޅިގެން ސަރުކާރުން ދޮގު ވާހަކަތައް ފަތުރަމުން އެގެންދަވަނީ އެ ފްލެޓްތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށާއި، އަދި އެފަދަ ކަންކަން ނުކުރުމަށްވެސް އިދިކޮޅުން މިއަދު ނެރެފައިވާ ބަޔާނުގައި ގޮވާލާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ