ސްޕެނިޝް ލީގުގައި ބާސެލޯނާއާއި ސެލްޓާ ވީގޯ މިރޭ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ރާއްޖެ އަށް ހާއްސަވި، ރާއްޖޭގެ ޓޫރިޒަމް އިސްތިޙާރު ކުރި މި މެޗު އެއްވަރުވެފައިވަނީ 2-2 އިންނެވެ. މެޗެ ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ބޭނުންކުރާ "ވިޒިޓް މޯލްޑިވްސް" ލޯގޯ ވަނީ އިސްތިހާރު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު މެޗު ފެށިގެން 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން، މެސީ ހުރަސްކޮށްދިން ބޯޅަ ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ސުއަރޭޒު އެވެ. މި ހިލޭ ޖެހުމަކީ ސެލްޓާގެ އޭރިޔާ ކައިރިން ވިދާލް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ.
އޭގެ 3 މިނެޓު ފަހުން ސެލްޓާ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނަމަވެސް ސެލްޓާގެ މެންޑޭޒް ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ގައިގާ ޖެހުމަށްފަހު ގޯލު ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބާސާ އޮތީ 0-1 އިން ކުރީގައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 48 ވަނަ މިނެޓުގައި ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަސްޕަސް ހުރަސްކޮށްދިން ބޯޅައަކުން ފެޑާ ސްމޮލޮވް އެވެ. ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް، މެސީގެ ރީތި ޕާހަކުން ސުއަރޭޒެވެ. މި ގޯލު ބާސާއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ސެލްޓާއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްފައިވަނީ ލިބުނު ހިލޭ ޖެހުމަކުން އަސްޕަސް އެވެ.
މި ނަތީޖާއާއި އެކު ބާސާ ޓޭބަލްގެ އެއްވަނާގައި އޮތީ 32 މެޗު ކުޅެ 69 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ 68 ޕޮއިންޓާއިއެކު 31 މެޗު ކުޅެގެންނެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އެސްޕަޔޯލް އާއި ބައްދަލުކޮށް މޮޅު ވެއްޖެނަމަ ރެއާލް ތާވަލުގެ އެއްވަނަ އަށް އަރާނެއެވެ.




