ރައީސް މައުމޫނުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އަލުން ރިވިއުކުރުމުން އެނގިގެން ދާނީ މި މައްސަލައާއި ބެހޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިތުރުފުޅު ހައްދަވާފައިވާކަން ކަމުގައި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މޭޔަރ ކަމަށްވެސް ވާދަކުރައްވާ އަލްހާން މިހެން ވިދާޅުވެފައި މިވަނީ ތެލުގެ ވަގު ވިޔަފާރިއެއް ކުރިކަމަށް ތުހުމަތު ކުރާ މި މައްސަލަ އަލުން ރިވިއުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމުމާއި ގުޅިގެންނެވެ.
"މައްސަލަ ރިވިއުކުރީމަ އެނގިގެންދާނީ މަޖްލިސް ރައީސް ތިޔަ ރިޕޯޓާ ބެހޭގޮތުން އިރުތުރުފުޅު ހެއްދެވިކަން" އެމްޑީޕީގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަލްހާން ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރިކަމަށް ބުނެ އެ މައްސަލަ ތަޙްޤީޤު ކުރުމަށް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބައިނަލްއަގުވާމީ އޮޑިޓް ފާމްއެއްކަމަށްވާ ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ނަމަވެސް 2012 ވަނަ އަހަރު ސަރުކާރުން ވަނީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެފައިވެއެވެ. އަދި އެއްބަސްވުން އުވާލި އިރު އެ މައްސަލައިގެ ފައިނަލް ރިޕޯޓް އެކުލަވާލެވިފައެއް ނުވެއެވެ.




