ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނި ކުރިމީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޝަރުއީ އުސޫލުތަކާއި ހިލާފަށް ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނިކޮށް، އެކުއްޖާ ބަލިވެއިން މައްސަލައެއްގައި ހައްޔަރު ކުރިމީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 03 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ) ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން، މި މީހ،ާ މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ، ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ،  އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ