ޔޫކޭ އާއި ޔޫރަޕްގެ ސޭފް ޓްރެވެލް ލިސްޓްގައި ރާއްޖެ ނުހިމެނުނީ، ޓޫރިޒަމް އާއި ފޮރީން މިނިސްޓްރީގެ ކޯޑިނޭޝަން ދަށްވުމުންކަމަށް ރަށްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ގައި ހުޅުވާއިރު ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމިއިރު އޭގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެގޮތުން މިކަން މިހެން ދިމާވާވުމުގެ ޒިންމާ ޓޫރިޒަމް އާއި ފޮރީން މިނިސްޓްރީ ނަގަންޖެހޭނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މި ލިސްޓްގައި ހިމެނޭ ގައުމުތަކުން އިނގިރޭސި ވިލާތަށް ދަތުރުކުރާ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން ކަރަންޓީނުގައި ތިބެން ނުޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މި ލިސްޓްގައި ނުހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެއެވެ.
މި ލިސްޓްގައި ހިމެނެނީ ކޮވިޑް-19 މިހާރު ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކެވެ. މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެއީ ހާލަތަށް ބަލައި ބަދަލުވަމުންދާނެ ލިސްޓެއް ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރު އިއްޔެ ވަނީ ރާއްޖޭގެ ފަތުރު ވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލު ވުމެއްވެސް ބާއްވާފައެވެ.



