ބާސެލޯނާއަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ނޫންކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.
ރިވާލްޑޯ މިހެން ބުނެފައިވަނީ ވީއޭއާރުގެ މައްސަލާގައި ބާސެލޯނާގެ އިސްވެރިން މީޑިއާތަކުގައި ތަފާތު ވާހަކަތައް ދައްކާފައި ވަނިކޮށެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ދިން އިންޓަރިވިއުއެއްގައި ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ބުނީ، ވީއޭއާރުގެ ސަބަބުން ގިނަ ޓީމުތަކަކަށް ލިބެނީ ގެއްލުންކަމަށާއި، އޭގެ ފައިދާވަނީ ސްޕެއިންގެ އެންމެ ކްލަބަކަށް ކަމަށެވެ. ބާޓޮމެއު މިހެން ބުނެފައިވަނީ ރެއަލްމެޑްރިޑަށް ނިސްބަތްކޮށެވެ.
މިވާހަކަތަކާއި ގުޅިގެން ރިވާލްޑޯ ބުނީ، ރެފްރީގެ ނިންމުންތަކާއި ގުޅިގެން ކުޅުންތެރިން ބައެއް ފަހަރު ކަންބޮޑުވާނެކަމަށާއި، ނަމަމަވެސް ބާޓޮމެއުގެ ވާހަކަތަކާއި އޭނާ އެއްބަސްނުވާކަމަށެވެ.
"ބާޓޮމެއު މަސައްކަތްކުރަނީ ބާސެލޯނާއަށް ދިމާވެފައިވާ މައްސަލަތައް މީޑިއާތަކަށް އެރިޔަ ނުދޭން." ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ބުނީ، ވީއޭއާރޭ ކިޔައިގެން ބާޓިމެއު އުޅެނީ ބާސެލޯނާއަށް ދިމާވެފައިވާ މައްސަލަތަކުގައި އޭނާއާއި، ކުޅުންތެރިންނާއި އަދި މެނޭޖަރުގެވެސް ކުށެއް ނެތްކަމަށް ދައްކަންކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު މައްސަލައަކީ ވީއޭއާރު ނޫންކަމަށާއި، އެންމެން ލޯބި ކުރަމުންއައި ބާސެލޯނާގެ ރީތިކުޅުން ގެއްލި، ކުޅުން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ނުކުރެވުންކަމަށްވެސް ރިވާލްޑޯ ބުންޏެވެ.
77 ޕޮއިންޓާއެކު ރެއަލްމެޑްރިޑް ސްޕެނިޝް ލަލީގާގެ ތާވަލް އެއްވަނާގައި އޮތްއިރު، ބާސެލޯނާ ދެވަނާގައި އޮތީ 76 ޕޮއިންޓާއެކުގައެވެ. ބާސެލޯނާވަނީ ރެއަލްމެޑްރިޑަށްވުރެ އެއްމެޗު އިތުރަށް ކުޅެފައެވެ.
ބާސެލޯނާއިން މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން ބޭނުންނަމަ ބާކީ އޮތް ތިން މެޗުން ކޮންމެހެންވެސް މޮޅުވާ ޖެހެއެވެ. އަދި ބާސެލޯނާއަށް ތަށި ލިބެން އޮންނަނީ ވާދަވެރި ރެއަލްމެޑްރިޑު އަތުން މަދުވެގެން 5 ޕޮއިންޓް ގެއްލިގެންނެވެ. ރެއަލްމެޑްރިޑަށް ބާކީ ހަތަރު މެޗު އޮތްއިރު، އެތަނުން ތިން މެޗުން މޮޅުވެގެން 2019/20 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ރެއަލްމެޑްރިޑަށް ކާމިޔާބުކުރެވޭނެއެވެ.
ވީއޭއާރުގެ މައްސަލާގައި ބާސެލޯނާ އަދި ރެއަލްމެޑްރިޑް ބޮޑު ހަނގުރާމަ އަކަށް!




