ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ކުރީގެ ކްލަބު ރެއަލްމެޑްރިޑާއި ދެކޮޅަށް ކުޅެން ޖެހިދާނެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްއާއި ސެމީ ފައިނަލްގެ ގުރުއަތުލުން ޔޫއެފާ ހެޑްކުއާޓާރގައި އިއްޔެ ނަގާފައިވާއިރު، މިގުރުއަތުގެ ނަތީޖާ ދައްކާގޮތުން ގަދަ 16 އިން މެންޗެސްޓާރ ސިޓީ ބަލިކޮށް ކުއާޓާރއަށް ރެއަލްމެޑްރިޑް ދަތުރުކޮށްދިނަމަ ވާދަކުރަންޖެހޭނީ، ޔުވެންޓަސް އަދި ލިޔޯން ގަދަ 16 ގައި ބައްދަލުކުރާ މެޗުން މޮޅުވެ ކުއާޓާރއަށް ދަތުރުކުރާ ޓީމަކާއެވެ.
ގަދަ 16 ގެ ފުރަތަމަ ލެގުގައި ސިޓީއިންވަނީ 1-2 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ބަލިކޮށްފައެވެ. އަދި ލިޔޯންވަނީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށްފައެވެ. އެހެންކަމުން ކުއާޓާރއަށް މިދެޓީމަށްވެސް ދަތުރުކުރެވޭނީ ގަދަ 16 ގެ ދެވަނަ މެޗުގެ ނަތީޖާ އެކޮޅަށް އަނބުރާލައިގެންނެވެ.
ކުއާޓާރ ފައިނަލްގެ އަނެއް މެޗުގައި ބާސެލޯނާއާއި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެއީ ގަދަ 16 އިން ނަޕޯލީ ބަލިކޮށް ބާސެލޯނާ ކުއާޓާރއަށް ދަތުރުކޮށްފިނަމަ ބައްދަލުކުރަން ޖެހޭނީ ގަދަ 16 ގައި ބަޔާން އަދި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ކްލަބަކާ ކަމަށްވާތީއެވެ.
ގަދަ 16 ގެ ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ނަޕޯލީ އަދި ބާސެލޯނާ އެއްވަރުވެފައިވާއިރު، ބަޔާންވަނީ 0-3 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައެވެ.

ސެމީ ފައިނަލް 1 : ރެއަލްމެޑްރިޑް ނުވަތަ މެންޗެސްޓާރ ސިޓީ ނުވަތަ ލިޔޯން ނުވަތަ ޔުވެންޓަސް - ނަޕޯލީ ނުވަތަ ބާސެލޯނާ ނުވަތަ ބަޔާން ނުވަތަ ޗެލްސީ
ސެމީ ފައިނަލް 2 : ލެއިޕްޒިގް ނުވަތަ އެތުލެޓިކޯ މެޑްރިޑް - އެޓަލާންޓާ ނުވަތަ ޕީއެސްޖީ
ގަދަ 16 ގެ ނުކުޅެ ހުރި މެޗުތައް ކުޅުމަށް ނިންމާފައިވަނީ އޮގަސްޓް 7 އަދި 8 ގައެވެ.
އަދި ކުއާޓާރއާއި ހިސާބުން މުބާރާތް މިނީ ޓާނަމެންޓަށް ބަދަލުކުރާގޮތަށް ނިންމާފައިވާއިރު، ކުއާރޓާރ ފައިނަލް، ސެމީ ފައިނަލް އަދި މުބާރާތުގެ ފައިނަލް ކުރިއަށް ދާނީ އޮގަސްޓް 12 އިން އޮގަސްޓް 23 އަށެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.




