ފައިވްސްޓާރ ހޮޓާތައް ހިފައިގެން ހިންގި ނާތަހުޒީބު އަމަލުތަކަށް ކޯލިޝަންގެ ވެރިން ޒިންމާ ނަގަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއިއެކު ނިކުމެ ވަޑައިގަތް ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ލޮކްޑައުންގައި ބައިތިއްބާފަ ދައުލަތުގެ ފައިސާއިން ފައިވްސްޓަރ ހޮޓާތައް ހިފައިގެން އެތަންތަނުގައި ހިންގި ނާތަހުޒީބު ޢަމަލުތައް ކުށްވެރިކުރަންޖެހޭ ކަމަށެވެ.
މިހާ ދަށުދަރަޖައަށް ދައުލަތުގެ މުއައްސަސާތައް ވެއްޓިގެން ދިއުމާމެދު ކޯލިޝަންގެ ވެރިން ޒިންމާ ނަގައި ޖަވާބު ދާރީ ވާންޖެހޭނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ލޮކްޑައުންގައި ބައިތިއްބާފަ ދައުލަތުގެ ފައިސާއިން ފައިވްސްޓަރ ހޮޓާތައް ހިފައިގެން އެތަންތަނުގައި ހިންގި ނާތަހުޒީބު ޢަމަލުތައް ކުށްވެރިކުރަންޖެހޭ.މިހާ ދަށުދަރަޖައަށް ދައުލަތުގެ މުއައްސަސާތައް ވެއްޓިގެން ދިއުމާމެދު ކޯލިޝަންގެ ވެރިން ޒިންމާ ނަގައި ޖަވާބު ދާރީ ވާންޖެހޭނެ
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 10, 2020
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައެޅުމާއި ގުޅިގެން ރައީސް ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަޙީދު ވަކި ކުރައްވާފައެވެ.
އަލީ ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ސޯލިހް އެނގެވިކަން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު އިއުލާންކުރެއްވެވި މެސެޖު ހިއްސާ ކުރައްވަމުން ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ރައީސް މައުމޫން ވިދާޅުވެފައިވަނީ، މިކަހަލަ މައްސަލަތަކުގައި އަވަސް އިސްލާހީ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
މާގިރި ހޮޓެލުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ކޭކެއް ފަޅަން އުޅޭ މަންޒަރުތައް ހިމެނޭ ފޮޓޯއެއްވެސް ދަނީ މީސް މީޑިއާގައި ދަޢުރު ވަމުންނެވެ.