ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ޝަރީއަތުގެ އަޑު އެހުން މާދަމާ ހެނދުނަށް ތާވަލު ކޮށްފި އެވެ.
އަދީބުގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.
މާދަމާ ހެނދުނަށް ވަނީ އަދީބުގެ 7 މައްސަލައެއްގެ އަޑު އެހުން ތާވަލު ކޮށްފައެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ 2 ދައުވާ އަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ 2 ދައުވާ އެކެވެ.
ޖުލައި 9 ވަނަ ދުވަހުވެސް އަދީބު ޝަރީޢަތުގެ އަޑު އެހުމެއް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ. އެދުވަހު 13:00 އަށް ތާވަލު ކޮށްފައި އޮތް އަޑު އެހުން ކެންސަލް ކޮށްފައިވަނީ އެދުވަހު 12:00 އިން ފެށިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް ޑިސްއިންފެކްޓު ކުރުމަށް ހަމަޖެހިފައިވާތީ އާއި މި މައްސަލަ އަކީ ގިނަ އަދަދެއްގެ ލިޔުންތައް ހުށައަޅާފައިވާ މައްސަލައަކަށްވާތީވެ، ޕީޖީ އޮފީހުގެ ވަކީލުންގެ ޓީމު އޮފީހަށް ހާޒިރުވެގެން މެނުވީ މައްސަލަ އަޑުއެހުން ކުރިޔަށް ގެންދިއުމަށް ނުހަނު ދަތިވާނެ ކަމަށް، ޕީޖީ އޮފީހުން އަންގަވާފައި ވާތީ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ އޭރު ވިދާޅުވެފަ އެވެ.
އެދަވހުގެ 15:00 އަށް މައްސަލައިގެ އަޑުއެހުން ރިޝެޑިއުލް ކޮށްދެއްވުމަށް ޕީޖީ އޮފީހުން އެދިލައްވާފައި ވީނަމަމަވެސް އެގަޑީގައި ޖަލުގެ ވީޑިއޯ ކޮންފަރެންސް ހަމަޖެހުން ނެތުމުން އެދުވަހުގެ އަޑު އެހުން ވަނީ ކެންސަލް ކޮށްފައެވެ.