އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ވަމުންދާ ގެއްލުންތައް ދެނެގަނެ، ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް ތިބުމަށާއި، އެހީތެރިކަން އަވަސް ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ސަރުކާރަށް ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެގެ ވަގުތަކުން ފެށިގެން ލ. މާވަށަށް އުދަ އަރާ، ރަށުތެރެއަށް ލޮނުގަނޑު ފެތުރި، ރަށާއި، ގަސްގަހާގެއްސާއި، ގެދޮރާއި، ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތައްވެ، ރަށުގެ ރައްޔިތުންނަށް ނަފްސާނީ ބިރުވެރިކަމެއް ކުރިމަތިވެފައިވާތީ ކޯލިޝަންގެ ފަރާތުން ހަމްދަރުދީ ފާޅުކުރާ ކަމަށެވެ.
އަދި މި ދަތި އުނދަގޫ ވަގުތު ރަށުގެ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ، ކުރަމުން
ގެންދާ މަސައްކަތް ފާހަގަކޮށް، ކޯލިޝަންގެ ފަރާތުން ރަށުގެ އެންމެހާ ރައްޔިތުންނަށް ހިތްވަރުދީ ސާބަސް ރައްދުކުރާ ކަމަށާއި މިދަނޑިވަޅުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމުގައި ރައްޔިތުންނާއި އެކު ދިވެހި ސިފައިންނާއި ފުލުހުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައްވެސް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް، އެންމެ ކުރީ ސަފުގައި ތިއްބަވައިގެން ސިފައިންނާއި ފުލުހުން ޤައުމާއި ރައްޔިތުން ގެ ޙައްޤުގައި ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު އަބަދުވެސް ދިވެހިރައްޔިތުންނާއި ކޯލިޝަނުން ވަޒަން ކުރާ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
"މި ދުވަސްވަރު ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ޚިލާފަށް ރާޅުބޮޑުވެ ބޮޑެތި ބާނިތަކާއެކު ބައެއް ރަށްރަށަށް އުދަ އެރުން ނުވަތަ ރާޅުގެ އަސަރުކޮށްފާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިންވެސް ހާމަކޮށްފައިވާތީ، އެކަމަށް ރަށްރަށުގެ ރައްޔިތުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯލިޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ. އަދި އުދައިގެ އަސަރުކޮށްފާނެކަމަށް ބެލެވޭ ރަށްރަށުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވައިގެން ތިއްބެވުމަށާއި، ލޮނުގެ އަސަރު ކޮށްގެން ގެއްލުންވެދާނެ ފަދަ މުދަލަށް ލިބިދާނެ
ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވައިގެން ތިއްބެވުމަށް ނަސޭހަތްތެރިވަމެވެ." ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ދަންޑިވަޅުގައި، ލ. މާވަށުގެ އިތުރުންވެސް އުދަ އެރުމުގެ ސަބަބުން ގެއްލުންވަމުން ރަށްރަށުގެ މަޢުލޫމާތު ހޯއްދަވައި، ރަށްރަށަށް ގެއްލުންވެފައިވާ މިންވަރު ދެނެގަނެ، އެރަށްރަށަށް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރީ ޙާލަތުގައި ތިބެ، އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަސް ވުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.




