ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިިފި އެވެ.
ފުލުހުން ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާކަމަށެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ. މިކަމާ ގުޅިގެން މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވާފައެވެ.
މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން ޢަލީ ވަޙީދު ދިރިއުޅުއްވާ ގެ ރޭގެ ވަގުތެއްގައި ފުލުހުންވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ވިދާޅުވީ، ޢަލީ ވަޙީދު ދިރިއުޅުއްވާ ގެ ބަލާ ފާސްކޮށްފައިވަނީ ތަޙުޤީޤުކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެންކަމަށެވެ.
އަދި ރޭ ގެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ، އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލައާ ގުޅިގެން ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރޭ ހިފެހެއްޓި ތަކެތީގެ ތެރޭގައި، އަލީ ވަހީދުގެ ފޯނުވެސް ހިމެނެއެވެ.
އަލީ ވަހީދުގެ އަޚުލާގީ މައްސަލައެއް މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓެ މިނިސްޓަރ އައްސަދު އަލީގެ އޯޑިއޯ ތަކެއް މީސް މީޑިއާގައި ދިޔައީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. އެހެންނަމަވެސް އޭރުވެސް އަލީ ވަހީދު ވިދާޅުވަމުންދަނީ ދައުރު ކުރަމުން ގެންދަނީ ސައްޙަ އޯޑިއޯ ތަކެއް ނޫން ކަމަށެވެ.
އަލީ ވަހީދު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ކޯޓު އަމުރެއްގެ ދަށުން ޢަލީ ވަޙީދު ދިރިއުޅޭ ގެ ބަލާ ފާސްކުރަނީ