މާލެއިން އިސްދޫއަށް ދިޔަ ބޯޓަކުން ގެންދިޔަ މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މާލެއިން އިސްދޫއަށް ދިޔަ ބޯޓަކުން ގެންދިޔަ މަސްތުވާތަކެއްޗާއިއެކު މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން އިސްދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލ. އިސްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރެވުނު މީހެއް ކަމަށެވެ.

މިއަދު އިސްދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ އަތުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މާމެންދޫގައި މަސައްކަތްކުރާ ފުލުހުން ރޭ ދަންވަރު ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ހޮޅިކޮޅު ފެނުމާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މާމެންދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ