ހއ.ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތާއި، އެއަތޮޅު އުލިގަމު ބަނދަރުގެ މަސައްކަތް މިހިނގާ2020 ވަނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ލަފާ ނުކުރެއްވޭކަމަށް ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަސްލަމް ހާޞިރުކޮށް ސުވާލުކުރެއްވުމުގެ ތެރޭގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދާދި ދެންމެއެވެ. ސަލީމް ވިދާޅުވީ، ތުރާކުނު ބިން ހިއްކުމަކީ ސާރވޭގެ މަސައްކަތްވެސް ނިމިފައިވާ މަޝްރޫއެއް ކަމަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލީ ހާލަތު ހުރިގޮތުން ތުރާކުނު ބިން ހިއްކުމާއި އުލިގަމު ބަނދަރުގެ މަސައްކަތް މިއަހަރުގ ތެރޭގައި ފެށޭނެކަމަށް ނުބެލެވޭ ކަމަށެވެ.
"ބަނދަރުގެ ޑިޒައިންގެ މަސައްކަތް ނިމިފައި. ތެދުބަހުން ދަންނަވާ ކަމަށްވަނީނަމަ އަޅުގަނޑަކަށް މިއަހަރުގެ ތެރޭގައި ތިދެންނެވި ދެ މަސައްކަތްވެސް މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ފެށޭނެތަނެއް ނުމެފެނޭ. ތި ވިދާޅުވި ދެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެތަނެއް ނުފެނޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރިވައިސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެކަން ނިންމައި ބަޖެޓް އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.




