ރައީސް ޔާމީން ގެއަށް ބަދަލު ކުރަންޖެހޭ: ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަލި ހާލު ހުރި ގޮތުން، ގެއަށް ބަދަލު ކުރުމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

މުހައްމަދު ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން ގެއަށް ބަދަލު ކުރުމަކީ ދައުލަތުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ހާލުކޮޅު ވަރަށް ގޯސް ކަމަށާއި ޔާމީނަށް ސަރުކާރުން ދެމުންދާ އަނިޔާތަކަކީ ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.

އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު ކުއްލި މައްސަލައެއް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވައިފައިވެއެވެ. ޔާމީންގެ މައްޗަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިއާޔަތްކޮށްފައިވާތީވެ، ޔާމީންގެ މައްޗަށް ކުރި ދައުވާއަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ޕްރޮސިކިއެޓަރ ގެނެރަލްގެ އޮފީހުން ކޮށްފައިވާ ދައުވާއަކަށް ވާތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޔާމީން ޖަލުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތުމުން، ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފައިވެއެވެ.

އަދި ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވެފައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ