އިންސާފު ފެށެނީވެސް، ނިމެނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޭޒުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ "މިއަދު އިންސާފު ފެށެނީވެސް، ނިމެނީވެސް ރައީސްގެ މޭޒުން! ސިކުނޑީގައި، ﷲ ގެ އިރާދަފުޅުން ޢިލްމު އަށަގަތުމުގެ ނަސީބު ލިބިފައިވާ "ފަންނުގެ" ބޭފުޅުން މިކަމަށް ކަނު ވެއްޖެނަމަ އެލިބެނީ ދެހަލާކު" ކަމަށެވެ.
ސައީދު ރައްދުދެއްވި، އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ސަރުކާރުން ނުވަތަ މަޖިލީހުން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށްބުނެ ބިރުދެއްކުމަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުންކަމަށެވެ. އަދި ހުކުމަކާމެދު ހިތްހަމަނުޖެހޭނަމަ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ. ދައުވާތައް ބާޠިލްކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާތައް އުފުލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށް ނިންމުމަށްފަހުއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
އަދީބުގެ މައްޗަށް 150 ދައުވާ ކުރާނެހާ ލިޔުން އެބަހުރި ކަމަށާއި، އެފަދަ ދައުވާތަކެއް ކުރެވިއްޖެނަމަ 806 އަހަރުގެ ހުކުމް އަންނާނެ ކަމަށެވެ. މި އަދަދު ތަޙްޤީޤުތައް ނިމޭއިރު އިތުރުވެސް ވެދާނެ ކަމަށާއި، ހަމަ ޤައިމުވެސް އަދަދު މަދު ނުވާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.




