ރިސޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. ރަސްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރިސޯޓަކުން މަސްތުވާތަކެއްޗާއެކު އިއްޔެ މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓުގެ ޖެޓީ މަތިން ކަމަށެވެ. ފުލުހުން އެއީ ކޮން ރިސޯޓެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
ފުލުހުން ވިދާޅުވީ ރިސޯޓުގެ ޖެޓީ މަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭއެއްޗެއް ހުރި ކުޑަ 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން މި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



