ލިއޮނަލް މެސީ

ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނީ، ބާސާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން: މެސީ

ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންނަމަ، ބާސެލޯނާގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނެފައިވަނީ ރޭ އޮސަސޫނާ އަތުން ދަށްވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

މެސީ ބުނީ، މީގެކުރިން (ރޯމާ، ލިވަޕޫލް) މެޗުތަކުން ނުކުތް ނަތީޖާތަކާއި ގުޅިގެން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެވެ. އަދި މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންނަމަ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"މިގޮތަށް ކުޅޭނަމަ ނަޕޯލީއަތުންވެސް ބާސެލޯނާ ބަލިވާނެ." މެސީ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާއާއި ނަޕޯލީ ބަައްދަލުކުރާއިރު ސަން ޕައޮލޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ ދެވަނަ ލެގު ކެމްޕްނޯގައި ކުޅޭނީ އަންނަ މަހުއެވެ.

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އަތުން ބާސެލޯނާ ދަށްވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން ބާސެލޯނާ ދަށްވެފައިވާއިރު، މެޗުގެ ފަހު 15 ވަރަކަށް މިނަޓް އޮސަސޫނާ ކުޅެފައިވަނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.

ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އޮސަސޫނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާނައިޒްއާއި ރޮބާޓޯ ޓޮރޭސްއެވެ.

ރޭ މެސީ ކާމިޔާބުކުރި ލަނޑަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލީގު ލަނޑެވެ. ސްޕެނިޝް ލަލީގާގެ މިސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި މެސީ ހިމެނޭއިރު، ދެވަނާގައި އޮތް ބެންޒެމާވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ. މިދެކުޅުންތެރިންނަށްވެސް ލީގުގައި އަދި ބާކީ އެއްމެޗު އެބައޮތެވެ.

މީގެއިތުރުން ރޭ ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ރެއަލްމެޑްރިޑުންވަނީ މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ. މިއީ ރެއަލްމެޑްރިޑުން ކާމިޔާބުކުރި 34 ލަލީގާ ޓައިޓަލްއެވެ.

ރެއަލްމެޑްރިޑުން ލަލީގާ ކާމިޔާބުކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ