މަސްތުވާތަކެއްޗާއެކު ލ. ގަމުން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަމުގައި މަސައްކަތްކުރާ ފުލުހުންނާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ލ. ގަމުން ހައްޔަރުކޮށްފައި ވާކަމަށެވެ.
މި މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 16 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ގަމުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
52 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެމީހާ ދިރިއުޅޭ ގެއިން ކޯޓްއަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި މި ދެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.\
މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.