ވަގަށް ނަގާފައިވާ 5 ސައިކަލު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ވިދާޅުވީ ފުލުހުން ހޯދާފައިވާ 5 ސައިކަލަކީވެސް ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ސައިކަލު ތަކެއް ކަމަށެވެ.
މި ސައިކަލުތައް ހޯދާފައވަނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ހެނދުނު 6:00 އަށް މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި، ގަލޮޅު ޕޮލިސްގެ ޝިފްޓް ބީ ގައި މަސައްކަތްކުރާ ފުލުހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި 5 ސައިކަލުވެސް ހޯދާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުއްޓައި ކަމަށާއި އެ ސައިކަލުތައް މިހާރު ޓޯވ ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ސައިކަލުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްވެސް ފުލުހުންދަނީ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޝަޓަރ ލޮކް ބޭނުންކުރެއްވުމަށާއި ތަޅުދަނޑިއަށް ރައްކާތެރިވުމަށާއި ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދެއްވުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީވެސް ސަމާލުކަން ދެއްވުން މުހިންމު ކަމެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމަށް ސަމާލުކަން ދެއްވުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.



