ޏ.ފުވައްމުލައް ސިޓީގެ އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހަމަޖައްސައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިއުލާނެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 22 ޖުލައި 2020 އިން ފެށިގެން ޏ. ފުވައްމުލަކުގެ ފަރިކެޑެ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސައިފިކަމަށެވެ.
މީގެ އިތުރުން މި އިއުލާނުގައި ބުނެފައިވަނީ، މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ (ގަވައިދު ނަންބަރު: 2018/R-78 ) ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިންކަމަށެވެ.
ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާ ގޮތަށް ހިމާޔަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
.ޏ. ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މި ގޮ ތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހ،ހދ،ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދެއް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 15 ޖޫން 2019ގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.




