އައްޑު ސިޓީ އަށް އުދަ އަރަނީ | ފޮޓޯ: އައްޑޫ ލައިވް

އުދަ އަރާނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދަ އަރާފާނެކަމަށް ލަފާކުރެވި، ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.

ހަވީރު03:00 އިން މިރޭ07:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދުގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އުދަ އަރާފާނެކަމަށް ލަފާކުރެވި ދެކުނަށް ވައިޓް އެލާޓް ނެރުނުއިރު ހަވީރު04:00 އާއި ހަމައަށް އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްވެސް އެސަރަހައްދަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން  ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ. ވިލާގަނޑުގައި ގަޑިއަކު  ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 3 - 6 ފޫޓާއި ދެމެދުގައި ކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ