ފުރަތަމަ ދިވެހި އަތުކުރީ ބްރޭންޑް، "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބެސެޑަރަކަށް "ޝަލަބީ"!

ރާއްޖޭގެ ފުރަތަމަ އަތުކުރި ގަޑި ބްރޭންޑް ކަމަށްވާ "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބެސެޑަރަކަށް، މޯލްޑިވިއަން އައިޑަލް އިން ވިދާލި ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ހަމަޖައްސައިފިއެވެ.

"މޯލްޑިވްސް ވޭވް" ގެ އެމްބެސެޑަރކަމަށް ޝަލަބީ ހަމަޖެއްސީ، ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިއްޔެ ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އަތުކުރި ގަޑީގެ ފުރަތަމަ ދިވެހި ބްރޭންޑެއްކަމަށްވާ "މޯލްޑިވްސް ވޭވް" ގެ އެމްބެސެޑަރކަމާއި ޝަލަބީ ހަވާލުވެފައިވާއިރު، މިއީ މި ބްރޭންޑްގެ ފުރަތަމަ އެމްބެސެޑަރވެސްމެއެވެ

"މޯލްޑިވްސް ވޭވް"ގެ ފުރަތަމަ އެމްބެސެޑަރކަން ޝަލަބީ އާއި ހަވާލުކުރިކަން އިއުލާންކުރީ، އެ ބްރޭންޑްގެ އޮފިޝަލް އިންސްޓަގްރަމް ބިޒްނަސް ޕޭޖްގައެވެ. އަދި ޝަލަބީވެސް ވަނީ އިންސްޓަގްރަމް ޕޯސްޓެއްގައި، މި ބްރޭންޑްގެ އެމްބެސަޑަރކަމާއި ހަވާލުވެއްޖެކަން އިއުލާންކޮށްފައެވެ.

ޝަލަބީގެ މި ޕޯސްޓުގައި، ރާއްޖޭގެ ފުރަތަމަ އަތުކުރި ބްރޭންޑްގެ، ފުރަތަމަ އެމްބެސަޑަރއަކަށް އޭނާ ހަމަޖެއްސީތީވެ "މޯލްޑިވްސް ވޭވް" އަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައިވެއެވެ.

ޝަލަބީ ބުނީ، އަތުކުރީގައި ދިވެހި ދިދަ ރަމްޒްކޮށްދޭ އެއްޗެއް ގެންގުޅުމުގެ ޒިންމާ ނަގަންޖެހުމަކީ، ފަހުރުވެރިވާ ކަމެއްކަމަށެވެ. އަދި ހާއްސަކޮށް ދިވެހި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ދިދަ އިންނަ މި ކަހަލަ ގަޑިއެއް ކޮންމެ މީހެއްގެ އަތުގައި ވެސް އޮތުމަކީ ކޮންމެ މީހަކުވެސް  ފަހުވެރިވާނެކަމެއް ކަމަށް ބުނެ، ޝަލަބީގެ އުފާވެރި އިހްސާސްތައް ކިޔައިދިނެވެ.

"މޯލްޑިވްސް ވޭވް" އަކީ، ދިވެހި ޒުވާނެއް ކަމަށްވާ މުހައްމަދު ޒާޖީ އިސްމާއީލް އުފައްދަމުން އަންނަ ރީތި ގަޑިތަކެކެވެ. އަދި މި ބްރޭންޑުން ހަމައެކަނި ރަމްޒުކޮށްދެނީ ގަޑިތަކެއް ނޫންނެވެ. ދިވެހިރާއްޖެއެވެ.

އެކި ޑިޒައިންތަކަށް އުފައްދާފައިވާ މި ރީތި ގަޑިތަކަކީ، ބަލައިލަން ވަރަށްވެސް ހިތްގައިމު އަތުކުރީ ގަޑިތަކެކެވެ. އަދި މިއިން ކޮންމެ ގަޑިއެއްވެސް ރަމްޒުކޮށްދެނީ ދިވެހިރާއްޖެއެވެ.

ދިވެހި ފަންނީ ޒުވާނުން ކުރާ ކުރާ މިފަދަ ހުނަރުވެރި ކޮންމެ މަސައްކަތަކީ، އަހަރެމެން އެންމެވެސް ފަޙުރުވެރިވާންޖެހޭނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ