އެއްވުންތައް ކަވަރުކުރާ ނޫސްވެރިން މީޑިއާ ފާސް ބޭނުން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން ފުލުހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކުގެ ބޭފުޅުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިން ތަކާ އެއްގޮތްވާނޭގޮތަށް، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ހުރިހާ ބޭފުޅުންވެސް މާސްކް އަޅުއްވައިގެން ހަރަކާތްތެރިވުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބޭފުޅުން ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް، އަބަދުވެސް ފެންނަންހުންނާނޭ ގޮތަށް އަޅުއްވައިގެން ހަރަކާތްތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުލުހުން ވަނީ ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ޚިޔާލުފާޅު ކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދު ތަކުގައި ޕޮލިސް މީޑިއާގެ ފަރާތުން އޮފިޝަލުން ހަރަކާތްތެރިވަމުން ދާނެކަމަށެވެ.



