ޑިންގީއެއްގައި އައިސް ގެމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގެމަނަފުށިން 2 މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ.
ފުލުހުން ވިދާޅުވި މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ޑިންގީއެއްގައި އައިސް ގެމަފުއްޓަށް އެ މީހުން ފޭބުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




