މޫސުން ގޯސްވެ ރާއްޖޭގެ އުތުރަށް، މޫސުމާބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 10:15 އިން ފެށިގެން މެނދުރު 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
Alert White for heavy rain and thunderstorms with gusts of 45 mph expected. pic.twitter.com/sYB3Sv4dQS
— Maldives Meteorology (@MetMaldives) August 7, 2020
“ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ރާޅުގެ އުސްމިން ދެކުނުގައި 3 އާއި 5 ފޫޓު އަދި މެދުރާއްޖެތެރެއާއި އުތުރުގައި 4 - 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.




