ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސަރާގައި ޅ. ނައިފަރުގައި ފެން ބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެފައިވާކަމަށެވެ. އަދި އެރަށުގައި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ފެން ވަދެފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އަދި އެރަށުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު ކުރަމުންދާއިރު، މިހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 18:53 ހާއިރުކަމަށް އެސަރވިސްއިން ވިދާޅުވިއެވެ.
Lh.Naifarah boakoh vaarey vehi, e rashuge baeh sarahadhu thakugai fen boduve, 4 geyakah fen vanumaai gulhigen fen hiykumah MNDF Northern Area, Naifar Fire Station ge Sifain harakaiytherivamun dhanee. Mi haadhisage report libifaivanee 18:53 haairu.
— Maldives National Defence Force (@MNDF_Official) August 7, 2020
ނައިފަރު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ކާރިމް މިނޫހަށް ވިދާޅުވީ، އެރަށަށް ވާރޭވެހެން ފަށާފައިވަނީ މިއަދު މެންދުރު ފަހުކަމަށާއި، އޭރު އާދައިގެ ވަރަކަށް ވެހުނުނަމަވެސް، ހަވީރު 17:30 ހާއިރުން ފެށިގެން ހުއްޓާނުލައި ބޯކޮށް އެރަށަށް ވާރޭ ވެހިފައިވާކަމަށެވެ. އަދި މިވަގުތު ވާރޭ ތުނިކޮށްފައިވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ކާރިމް ވިދާޅުވީ، މިވައްސާރައިގައި އެރަށުގެ 6 ގެއަކަށް ގެއްލުންވެފައިވާ ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިވާކަމަށާއި އޭގެތެރެއިން އެއްގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެމްއެންޑީއެފްއާއި ފުލުހުންނާއި ކައުންސިލްގެ އިތުރުން އާންމުން ގުޅިގެން، މިވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގޭގެ ފެންނުވަންނާނެހެން ގޭގޭ ދޮރުމަތީގައި ވެލިބަސްތާތައް ޖަހަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފެން ބޮޑުވާނެހެން ހީވާ ސަރަޙައްދުތަކުގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނައިފަރުގެ އިތުރުން ޅ. ކުރެންދޫގައިވެސް މިއަދުވަނީ ފެންބޮޑުވެފައެވެ.