ކުއާޓާރއަށް ބާސެލޯނާ ދަތުރުނުކޮށްފިނަމަ ކޯޗު ބޭރުކުރާނެ: ރިވާލްޑޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލަށް ބާސެލޯނާ ދަތުރުނުކޮށްފިނަމަ މިހާރު ކޯޗު ކީކޭ ސެޓިއެން މަޤާމުން ވަކިކުރާނެކަމަށް ޤަބޫލުކުރެވޭކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ފުޓްބޯޅަ މަޖައްލާއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ރިވާލްޑޯ ބުނީ، މިސީޒަންގެ ލަލީގާގައި ކަންތައްވީގޮތުން ބާސެލޯނާއަށް އޮތީ ވަރަށް ބޮޑަށް އަސަރުކޮށްފައިކަމަށާއި، ބާކީ މިއޮތް ޗެމްޕިއަންސް ލީގަކީ އެކްލަބަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

މިމުބާރާތުގައި ބާސެލޯނާއަށް އިތުރަށް ކުރިއަށް ނުދެވިއްޖެނަމަ ކޯޗު މަޤާމުން ވަކިކުރުން ގާތްކަމަށް ރިވާލްޑޯ ބުނެފައިވާއިރު، ސީޒަންގެ މެދުތެރެއިން ކްލަބާއި ޙަވާލުވެ ކްލަބުކޮޅަށް ޖަހަން އުނދަގޫވާނެކަމަށްވެސް އޭނާ ބުންޏެވެ. ބާސެލޯނާއިން ކުރިން ދައްކަމުން އައި ފުރިހަމަ ރީތި ކުޅުން މިފަހަކަށްއައިސް ދަނޑުމަތިން ފެންނަމުން ނުދާކަމަށްވެސް އޭނާ ބުންޏެވެ.

ރިވާލްޑޯގެ ވާހަކަތައް މިމޭރުމުންހުރިނަމަވެސް، ކީކޭ ބުނީ ނަޕޯލީއާއި ދެކޮޅަށް މިރޭ ކުޅޭ މެޗަކީ އޭނާގެ ފަހު މެޗުކަމަށް އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. އަދި ބާސެލޯނާއިން އޮތީ މިރޭ ނަޕޯލީއާއި ކުރިމަތިލާން ތައްޔާރަށްކަމަށްވެސް އޭނާ ބުންޏެވެ.

އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމާއި ކީކޭ ޙަވާލުވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާ އަދި ނަޕޯލީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ކޭމްޕްނޯގައި ކުޅޭ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

އިޓަލީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލެގުގެ މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެހެންކަމުން މިރޭގެ މެޗަށް ބާސެލޯނާ ނުކުންނަނީ އަވޭ 1 ގޯލްގެ އެޑްވާޓޭޖާއެކުގައެވެ. ފުރަތަމަ މެޗުގައި ބާސެލޯނާގެ ވިޑާލްއަށް ދެއްކި ރަތްކާޑުގެ ސަބަބުން މިރޭގެ މެޗުން އޭނާވަނީ ސަސްޕެންޑްވެފައެވެ. އަދި އަނިޔާގެ ސަބަބުން އޮސްމާން ޑެމްބެލޭއަށްވެސް މިރޭގެ މެޗު ނުކުޅެވޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލި ޔޫއެފާ ޗެމްޕިއަންސް ލީގު ފަށާފައިވަނީ ރޭގައެވެ. ރޭގައި މިމުބާރާތުގެ ގަދަ 16 ގެ ދެ މެޗެއް ކުޅެފައިވާއިރު، މެންޗެސްޓާރ ސިޓީ އަތްދަށުވެ ރެއަލްމެޑްރިޑްވަނީ މުބާރާތުން ކަޓާފައެވެ. އަދި ޔުވެންޓަސް މުބާރާތުން އަލްވަދާޢު ކިޔާފައިވަނީ ލިޔޯންގެ މައްޗަށް ކުރި ނުހޯދިގެންނެވެ.

ޔޫސީއެލް – ޔުވެންޓަސް އަދި ރެއަލްމެޑްރިޑް ކަޓައިފި

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ